ބާސެލޯނާއާ މެދު ގްރީޒްމަން ހިތްހަމަނުޖެހިފައި
ބާސެލޯނާއާ މެދު ގްރީޒްމަން ހިތްހަމަނުޖެހިފައި

ޕެރިސް (މެއި 30) - އޭނާ ހޯދަން ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އިން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާތީ އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ހިތްހަމަނުޖެހިފައި ހުރި ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަނުގައި އެތުލެޓިކޯގައި މަޑުނުކުރާނެ ކަމަށް ގްރިޒްމަން ބުނެފައިވާތީ ބެލެވިފައި އޮތީ އޭނާ ގުޅޭނީ ބާސެލޯނާއާ ކަމަށެވެ. އެ ކްލަބުން އޮތީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 120 މިލިއަން ޔޫރޯ ދޭން ވެސް ތައްޔާރަށް ކަމަށްވެ އެވެ. އެކަމަކު މިހާރު ހިޔާލު ބަދަލުވެފައިވާ ކަމަށްވެ އެވެ.

ސަބަބަކީ ބާސެލޯނާގެ ކުޅުންތެރިން އެކަމާ ދެކޮޅުވުމެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވާން އެެއްބަސްވެ ފަހުން ގްރީޒްމަންގެ ނިންމުން ބަދަލުކުރުމުން ބާސެލޯނާގެ ކުޅުންތެރިން ތިބީ އެކަމާ ހިތްހަމަނުޖެހިފަ އެވެ. އަދި އަލުން ގްރީޒްމަން އެ ޓީމަށް ގެންނަން ވެސް ގިނަ ކުޅުންތެރިން ބޭނުމެއްނުވެ އެވެ.

އެކަމަށް އެންމެ ބޮޑަށް ބާރުލިބޭ އެއް ކަަމަކީ ސްޕެނިޝް ކަޕުގެ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީޒްމަންއާ ބެހޭގޮތުން ކުރި ސުވާލުތަކަށް ބާސެލޯނާގެ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ ޖަވާބުދޭން ބޭނުމެއްނުވުމުންނެވެ. މީގެ ކުރިން މެސީ އާއި ޕީކޭ ވަނީ ގްރީޒްމަންއާ ބެހޭގޮތުން ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ.

ފްރާންސްގެ ލަ ޕެރީސިއަން އިން އުމުރުން 28 އަހަރުގެ ގްރީޒްމަންގެ އޭޖެންޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުން ބާސެލޯނާ އިން ގްރީޒްމަންގެ ޓްރާންސްފާގެ ކަންތައްތަކާ އެތުލެޓިކޯއާ ވާހަކަ ނުދައްކާތީ އޭނާ ހުރީ މުސްތަގުބަލާ ބެހޭގޮތުން ވަކި ގޮތެއް ނިންމަން އުނދަގޫވެފަ އެވެ. އަދި އެހެން ކްލަބަކާ މަޝްވަރާކުރަން ގްރީޒްމަން ނިންމާނީ ބާސެލޯނާ އިން މި ކަމުގައި ދެކޭގޮތެއް އޭނާ އަށް އެނގުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނާއި އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގްރީޒްމަން ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކްގެ އިތުރުން މެންޗެސްޓާ ސިޓީ ވެސް ހިމެނެ އެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.