06 ޖޫން 2019 - 10:28

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ "މުށުތެރޭގައި" ކޮމިޝަން އޮތުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގެ ތެރެއަށް ވަދެފައި އޮތް ސިޔާސީ ނުފޫޒާ ހެދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅި ދިއުމަކީ މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގެ ތެރެއަށް އެބޭފުޅުން ވަނުމުގެ ފުރުސަތު ލިބިގެން ކަމެވެ. އަދި ޖޭއެސްސީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް އެ ބޭފުޅުންގެ އަމާޒެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ސަރުކާރު ބަދަލުވުމާ އެކު، ޖޭއެސްސީ އަށް އަލަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ހިމެނިވަޑައިގަންނަވަ އެވެ. ދާދި ފަހުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އައްޔަން ކުރައްވައިފަ އެވެ.

ޖޭއެސްސީ އަށް މުޅިން އާ ބޭފުޅުންތަކެއް ވަޑައިގަތުމާ ގުޅިގެން އުންމީދު ވަނީ ބޮޑުވެފަ އެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މިއީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅެވެ. ޖޭއެސްސީގެ ހިންގުން ހަރުދަނާ ނުކޮށް، ޝަރުއީ ދާއިރާ މިނިވަންވުމުގެ ފުރުސަތު ނެތް ކަމަށް އެންމެ އަޑުހަރުކޮށް ބުނަމުން އަންނަ ބަޔަކީ ވެސް އެމްޑީޕީ އެވެ. ހިޔާލު ތަފާތުވާ ބޭފުޅުންގެ ނަޒަރުގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޝަރުއީ ދާއިރާ އިސްލާހުވުމުގެ ޖާގަ ކުޑަ ނަމަވެސް، އެމްޑީޕީއަށް އެ ފުރުސަތު ކުރިން ނުލިބި މިހާރު ލިބިފައި އޮތުމުން އެ ޕާޓީން ކަން ކުރާނެ ގޮތް ވެސް މިހާރު ރައްޔިތުންނަށް އެނގޭނެ އެވ.
ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.
ޖޭއެސްސީގައި ތިބެނީ ދެ ބާވަތެއްގެ މެމްބަރުންނެވެ. އެއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ ނުވަތަ އިންތިހާބުކުރާ މެމްބަރުންނާއި ވަކި މުއްދަތެއް ނެތި، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިބޭ މެމްބަރުންނެވެ. މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބަކީ މިދެންނެވި ގޮތަށް، އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނެވެ.
މަޖިލީހުގެ ރައީސާއި މަޖިލީހުން ހޮވާ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރާއި ސީއެސްސީގެ ރައީސަކީ ސީދާ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ޖޭއެސްސީއަށް އައްޔަންވެފައި ތިބޭ މެމްބަރުންނެވެ. އެހެންވެ، އެ މަގާމުތަކަށް އައްޔަން ކުރާނީ އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ ބޭފުޅުންނެވެ. އަނެއްކޮޅުން ބަންޑާރަ ނައިބާއި ރައީސްގެ މެމްބަރަކީ ސީދާ ރައީސް އައްޔަން ކުރައްވާ ދެ ބޭފުޅުންނެވެ. އެހެންވުމުން ޖޭއެސްސީގައި ބޮޑު ރޯލެއް ކޮންޓްރޯލް ކުރަނީ ސިޔާސީ ބޭފުޅުންނެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވެރިކަމަށް އައީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ބިނާ ކުރާނެ ކަމުގެ ވައުދާ އެކުގަ އެވެ. ޖޭއެސްސީއާ މެދު ކުރެވޭ ބަހުސް އަނެއްކާވެސް ގަދަވީ ސިޔާސީ އާ ބޭފުޅުންތަކެއް ޖޭއެސްސީން ޖާގަ ހޯއްދެވުމާ ގުޅިގެންނެވެ. އެއް ބައެއްގެ ނަޒަރުގައި ޖޭއެސްސީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތް އޮތް ބައެކެވެ.
މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ އަމާޒަކީ ޖޭއެސްސީ ތެރެއަށް ވަދެ، އެތަނުގެ ކަންކަން ހައްލުކުރުން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތަށް ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އެކަން ރަނގަޅު ކުރެވޭނެ ގޮތަކީ މަޖިލިހުގެ މެމްބަރެއް އެތަނުގެ ތެރެއަށް ދިއުން. ޖުޑިޝަރީގައި ހުރި މައްސަލަތައް ބަލައި ހައްލު ކުރުން. އޭގެ ތެރޭގައި އެބަހުރި ޖޭއެސްސީގައި ބައިވަރު މައްސަލަތައް މަޖިލިހުގެ ތަޅުމަށް އަންނަން ޖެހޭ. ފަނޑިޔާރުންގެ މައްސަލަތައް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެ ދާއިރާ އިސްލާހު ކުރުމުގެ ފެށުން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ އެންމެ މުހިންމު މަސައްކަތެއް ކުރެވޭނެ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސެވެ. އެގޮތުން ނަޝީދު ޖޭއެސްސީ އަށް ވަޑައިގަތީމަ، އެތަނުގެ ތެރޭގައި ނުހިނގާ ހުރި މައްސަލަތައް ހިނގައިގަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖޭއެސްސީގައި ހުރި މައްސަލަތައް ބަލާފައި ނޫނީ ޖުޑިޝަރީ ހައްލެއް ނުވާނެ. ނަޝީދަކީ ޖުޑިޝަރީ މިނިވަން ކުރެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާ. އެތަނުގައި ނަޝީދު ހުންނެވުމަކީ ރައްޔިތުންނަށް އުންމީދެއް ލިބި އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނީ،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ ޖޭއެސްސީގައި ތިއްބެވި ބޭފުޅުން ހަމައެކަނި ބަދަލުކޮށްގެން ޝަރުއީ ދާއިރާ އަށް އިސްލާހުތަކެއް ނާންނާނެ ކަމަށެވެ. ހަގީގީ މައްސަލައަކީ ޖޭއެސްސީ އެކުލެވޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ބަދަލު ނުކުރާހާ ހިނދަކު، އެމީހުން ކުރާ ތުހުމަތުތަކަށް ހައްލެއް ލިބިގެން ނާދެ. ޖުޑިޝަރީ އަށް ރައްޔިތުން ކުރާ އިތުބާރާއި ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރަނީ،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީ އަށް ފަހުން އައްޔަން ކުރެއްވި ބޭފުޅުންގެ ވިސްނުން ހުރި ގޮތް އަދި ނޭނގުނު ކަމަށް ވިޔަސް، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން ޝަރުއީ ނިޒާމު އިސްލާހު ކުރައްވަން އުޅުއްވައިފި ނަމަ، ނުކުންނާނީ ކުރީގެ ނަތީޖާ ކަމަށެވެ. އެހެންވެ ގާނޫނީ އޮނިގަނޑު ބަދަލުނުކޮށް، ޖޭއެސްސީ މިނިވަން ތަނެއްގެ ގޮތުގައި މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ވެއިތުވެދިޔަ ތަނުގެ ތަޖުރިބާ އަށް ބަލާ އިރު، ޖޭއެސްސީ އަށް ވަޑައިގެންނެވި ސިޔާސީ ބޭފުޅުންގެ މުސްތަގިއްލުކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެހެންވެ އެ ކޮމިޝަނަށް ދެން ވެސް ސިޔާސީ ބޭފުޅުން ވަޑައިގަތީމާ ރައްޔިތުންގެ ތެރެއިން އެއް ބަޔަކު ސުވާލު އުފައްދާނެ ކަމަށް ވިދާޅުވި އެވެ.
"ނަޝީދާއި ހިސާން މެން ފަދަ ބޭފުޅުން ޖޭއެސްސީގައި ކުރައްވާ މަސައްކަތަކީ ކޮންމެވެސް ވަރަކަށް ސިޔާސީ ކުލަ ޖެހޭނެ މަސައްކަތެއް. ސަރުކާރުން ގަބޫލު ނުކޮށްފާނެ، ސިޔާސީ ކަމެއްގެ ގޮތުގައި. އެކަމަކު ސިޔާސީ ކަމެއްގެ ގޮތުގައި ދެކޭނެ ރައްޔިތުން ތިބޭނެ ބައިވަރު،" އުޝާމް ވިދާޅުވި އެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންގެ "ރަހްމަތްތެރިންނާއި އާއިލާގެ" މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކަށް ވަމުންދާ ކަމަށެވެ. އެ ހިސާބުން ފަނޑިޔާރުން ޖަވާބުދާރީކުރުވަން ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ގައުމުގައި ސިޔާސީ ނޫން މީހެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު ޖޭއެސްސީގައި މަޖިލިހުގެ ރައީސް އާއި ކޯޓުތަކުގެ ފަރާތުން ފަނޑިޔާރުންތަކެއް ތިއްބަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ މަޖިލިހުގެ ފަރާތުން މެމްބަރަކު ޖޭއެސްސީގައި ހުރުން މައްސަލައެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ނިންމުމަކަށް ފެތޭނެ ހަމައެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.
"މަޖިލިހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރާއި ފަނޑިޔާރުންގެ ސްލޮޓްތައް އެބަ ޖެހޭ ނަގަން. އިދާރީ ގޮތުން އެކަންކަން ބައްޓަން ކުރަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސަކަށް އަބްދުﷲ މަސީހް ހުންނެވި އިރު، ޖޭއެސްސީ ހިސޯރު ކުރެވިގެން ދިޔަ ތަން ރައްޔިތުންނަށް އޮޅިފައެއް ނުވާނެ އެވެ. އޭރު ފަނޑިޔާރުންނަށް "އަތް ބާނައިގެން" ބޭނުން ގޮތަކަށް ކަންކަން ކުރަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވުމާ އެކު ކޯޓުތައް "އަނެއް ފުށަށް" ޖެހުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަޝީދަށް ޖޭއެސްސީގައި ހުރި މައްސަލަތައް ހައްލުކުރެއްވޭނެ ކަމަށް އާޒިމް ވިދާޅުވި ވިދާޅުވުމާ ބެހޭ ގޮތުން ސައުދު ވިދާޅުވީ ނަޝީދަށް ފަނޑިޔާރުގޭގެ ވަރަށް ގިނަ ލޫޕްހޯލްތައް ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފަނޑިޔާރުގެއަށް ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ނަޝީދަކީ ސިޔާސީ އެންމެ ބޮޑު ޕާޓީގެ ލީޑަރު ކަމަށް ވެފައި، ޖުޑިޝަރީ އިސްލާހު ކުރަން ޖޭއެސްސީގައި އިންނެވުން ރަނގަޅު ނޫން ކަމަށް ސައުދު ގަބޫލުކުރައްވަ އެވެ.
އެކަމަކު އާޒިމް ވިދާޅުވީ ނަޝީދާއި ހިސާން ޖޭއެސްސީ އަށް ވަޑައިގަތީ ޖޭއެސްސީގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"އަޅުގަނޑަށް މީގައި މުހިންމު ވަނީ އިހްލާސްތެރިކަން. އެއްވެސް ބޭފުޅަކު ޖުޑިޝަރީ އަށް އަތް ނުބާނާހާ ހިނދަކު އެ ތަނުގެ ކަންކަން ދާނީ ރަނގަޅަށް،" އާޒިމް ވިދާޅުވި އެވެ.
އެކި ބޭފުޅުންގެ ވާހަކަ ކޮންމެ ގޮތަކަށް ހުއްޓަސް ހަގީގަތަކީ އެމްޑީޕީއަކީ ޝަރުއީ ނިޒާމް އިސްލާހުކުރަން އެންމެ ބޮޑަށް ވަކާލާތުކުރަމުން އައި ޕާޓީ ކަމެވެ. ނަމަވެސް މީގެ ކުރިން އެ ޕާޓީއަށް އެ ފުރުސަތު ލިބިފައެއް ނުވެ އެވެ. މިފަހަރު މި އޮތީ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އާއި ސަރުކާރު ވެސް އެމްޑީޕީއަށް ލިބިފަ އެވެ. އެހެންކަމުން ޝަރުއީ ދާއިރާއަށް ގެންނާނީ ހަގީގީ އިސްލާހެއްތޯ ނުވަތަ ސިޔާސީ ބާރު ހުރި ފަރާތްތަކުން ކުރިން ވެސް ކަން ކުރިހެން ވަކި ބަޔަކު ބުނާ ގޮތެއް ހަދާ ކަހަލަ ފަނޑިޔާރުންތޯ ރައްޔިތުންނަށް މާ ގިނަ ދުވަހެއް ނުވެ އެނގިދާނެ އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިމްތިހާނެވެ.