29 މެއި 2019 - 19:45

ގއ. ވިލިނގިއްޔަށް ކަރަންޓު ދެމުން އަންނަ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެ، އެ ރަށުގައި ހިންގާ ސަރުކާރުގެ އޮފީސްތަކަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ އެ ތަންތަނުގެ ޚިދުމަތް ހުއްޓިއްޖެ އެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "މިހާރު" އަށް މިއަދު ވިދާޅުވީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ހަލާކުވުމުން މުޅި ރަށަށް ކަރަންޓް ދެވޭ ވަރު ނުވާތީ ސަރުކާރުގެ ހުރިހާ އިދާރާތަކުން މިއަދު ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އަދި މާދަމާ ވެސް އެ ތަންތަނަށް ކަރަންޓު ނުދެވޭނެތީ އެ ތަންތަން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ އޮފީސްތަކުން ކަރަންޓު ކަނޑާލާފައިވާއިރު، މުޅި ވިލިނގިއްޔަށް އެއްފަހަރާ ކަރަންޓެއް މިހާރު ނުދެވެ އެވެ. އެހެންވެ، ކަރަންޓު ދެނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ.
"ހޮސްޕިޓަލުގައި ހުރި ބެކަޕް ޖަނަރޭޓަރުތަކުން އެ ތަނަށް ކަރަންޓު ދެމުން އަންނަނީ އެހެންވެ، ހޮސްޕިޓަލްގެ ހިދުމަތަށް ބުރުލެއް ނާރާ. އެހެން ތަންތަނަށް މާދަމާ ވެސް ކަރަންޓެއް ނުދެވޭނެ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިލިނގިއްޔަށް ކަރަންޓް ދެމުން އައީ 500 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 800 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. އޭގެ ތެރެއިން ހަލާކުވީ މައި ޖަނަރޭޓަރެވެ.
ފުއާދު ވިދާޅުވީ، ވިލިނގިއްޔަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަގުތީ ޖަނެރޭޓަރެއް ބަހައްޓައި ޚިދުމަތް ދޭން ފެށޭވަރުވާނީ ދެ ދުވަސް ފަހުން ކަމަށެވެ
"ދެދުވަހެއް ތެރޭގައި ވަގުތީ ސެޓަޕެއް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ، ވިލިނގިލީ ކައުންސިލްގެ މެމްބަރު ލުގްމާން ވިދާޅުވީ ކަރަންްޓްގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދަން އެ ރަށަށް ގެންދަނީ ގދ. ތިނަދޫގައި ހުރި ޖަނެރޭޓަރެއް ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާ ޖަނަރޭޓަރެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.