އިސްލާމިކް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި
އިސްލާމިކް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުސްއަބު އަބްދުﷲ މިއަދު ސަސްޕެންޑުކޮށްފި އެވެ.

ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން އެއް މަސް ދުވަހުގެ މުއްދަތަށް މުސްއަބު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު ހަމަޖެއްސީ ޖުލައި، 25، 2017 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަން ކުރައްވައިފަ އެވެ.

މުސްއަބު ސަސްޕެންޑުކުރި އިރު، މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިން މައްސަލާގައި ސިސިލްފަރު ހައްޖު ގްރޫޕުން ވަނީ އެ މިނިސްޓްރީއާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު އިޖުރާއަތުތައް ފުރިހަމަނުވާތީ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.