ދިހައެއް
ދިހައެއް

-އަބްރަހަމް ލިންކަން

ފަހަރަކު ލޭ ތިއްކެއް، ފަހަރަކު ލޭ ތިއްކެއް، ހުދު ޓައިލްސްތަކުގެ މަތީގައި ޖެހި، ބުރައިގެން ދެ އެވެ. އޭނާގެ ދެ ފައި ތިލައިގެ ކައިރި، ވަށައިގެން، އޮތީ ރަތް ވެފަ އެވެ. އޭނާ އިނީ ގޮނޑިއެއްގައި، ފުރަގަހަށް ދެ އަތް ބަނދެފަ އެވެ. ލޭ ފައިބަމުން ދިޔައީ ނޭފަތުންނެވެ. އެކަމަކު މޫނުގެ އެކި ތަންތަން ވަނީ ދުޅަވެފަ އެވެ.

ގޮނޑީގެ ދެ ފަރާތުގައި އާންމު ދިވެހިންނަށް ވުރެ އިސްކޮޅުން ދިގު ދެ މީހަކު މޫނު ނިވާކޮށްގެން ތިއްބެވެ. އެ މީހުންގެ ކަޅު ކުލައިގެ ބާރު ޓީޝާޓުން ފަރުދާކޮށްފައި ވަނީ ވަރުގަދަ ހަށިގަނޑެއްކަން އެނގެ އެވެ. އެއިން މީހަކު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހުރިހާ ވާހަކައެއް ދައްކަމުން، ހުރިހާ ސުވާލުތަކެއް ކުރަމުން ދިޔައީ، ޕާޓިޝަނަކުން ވަކިކޮށްފައި ހުރި ބައިގެ ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ މީހެކެވެ. ޕާޓިޝަންގެ ތިރިން ދެ ފޫޓުން ފެށިގެން ފަސް ވަރަކަށް ފޫޓާ ހަމަޔަށް ހުރީ ބިއްލޫރި ޖަހައިފަ އެވެ. އެކަމަކު ބިއްލޫރިގަނޑު ފުސްކޮށްފައި ހުރުމުން އަނެއް ފަރާތުގައި ހުރި މީހަކު ވަކިކުރާކަށް ނޭނގެ އެވެ. ކޮންމެވެސް ކަހަލަ މައިކެއް ބޭނުންކޮށްގެން އޭނާ ދައްކާ ވާހަކަ އެތަނަށް ފެތުރިގެން ދަނީ ވަށައިގެން ހަރުކޮށްފައިވާ ސްޕީކަރުތަކުންނެވެ. އެކަމަކު އެއީ ވާހަކަ ދައްކާ މީހާގެ އަސްލު އަޑެއް ނޫނެވެ.

"އެރޭ ކަލޭ އުޅުނު ގޮތް ނޭނގޭ މީހަކު މިތާކު ނެތް،" މަޑުމަޑުން ހިނގަމުން ގޮސް، އޭނާއާ ދިމާވާ ގޮތަށް ބިއްލޫރިގަނޑުގެ މެދަށް ވާ ގޮތަށް ހުއްޓިފައި، އެ މީހަކު ބުންޏެވެ.

އެ ބުނާ ރެއަކީ ކޮބައިކަން އޭނާ އަށް އެނގެ އެވެ. އަދި ސުވާލުކުރަމުން ދާ މީހާ އަށް ވެސް އެނގޭކަން މިހާރު އެ ދަނީ ހާމަވަމުންނެވެ. އެކަމަކު މި އޮތް ހުރިހާ އިރު، ގަޑިން ސީދާ ވީއިރެއް އޭނާ އަށް ނޭނގުނަސް، ހިތްވަރު ކުރަމުން ދިޔައީ އެ ވާހަކަތައް ކިޔައިނުދީވޭތޯ އެވެ. އެއީ މީގެ ކުރިން އެއްވެސް މީހަކަށް އޭނާގެ އަނގައިން ބޭރުކުރެވުނު ވާހަކަތަކެއް ނޫނެވެ. އެ ރޭ އެހިނގި ކަމެއް، ނުވަތަ ހިންގި ކަމެއް ނިމުނު ގޮތަށް އޭނާގެ ހަޔާތުގެ އަނދިރި ކަރުދާހެއްގެ ގޮތުގައި މާޒީއާ އެކުވީ އެވެ.

ދެ ފަރާތުގައި ތިބި ދެ މީހުން އޭނާގެ މޫނުމަތީގައި އެތައް ފަހަރަކު ތަޅާ، ނޭފަތުގެ ކަށިގަނޑު ބިންދާލީ އެ ވާހަކަތައް ކިޔައިނުދޭން ވެގެން އޭނާ ހިތްވަރުކުރަމުން ދަނިކޮށެވެ. އެކަމަކު އިތުރަށް ދެން ކެތް ނުކުރެވޭނެކަން އޭނާ އަށް މިހާރު އެނގެ އެވެ.

އޭނާ ބައިންދާފައި އިން ތަނުގެ އެއް ފަރާތުގައި ހަރުކޮށްފައި ހުރި ކަޅު ބޯޑު އޭނާ އަށް ފެނެ އެވެ. އެ ބޯޑު ފުރިފައި ވަނީ ތަފާތު އާލާތްތަކުންނެވެ. އެކި ވަރުގެ ވަޅި އެވެ. ނަރުކެނޑި އެވެ. ކީސް ގޮތަށް ހުރި އެއްޗެހިތަކެއް ވެސް ފެނެ އެވެ. ބޯޑުގެ ތިރީގައި ކުޑަކުޑަ ދަގަނޑު މޭޒެއް ހުއްޓެވެ. އެ ހުރިހާ އެއްޗެއް ފެނި އަދި އޭނާ އަށް އަނިޔާކުރަމުން އަންނަ މީހުންގެ މަގުސަދާ މެދު ވިސްނާލާ އިރު ގައިން ދަނީ ހީބިހި ނަގައިގެންނެވެ. އެ މޭޒު އޭނާގެ ކުރިމައްޗަށް ގެނެސް، އަތް ތިލަ ބާއްވާފައި، އިނގިއްޔެއް ބުރިކޮށްލާނީ، ނުވަތަ ޗިސްކޮށްލާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެކަމަކު އެއީ ވުން އެންމެ ގާތް ގޮތެވެ.

އޭނާގެ ނަމަކީ މުހައްމަދު ޔާސިރެވެ. ސީދާ މާލޭގެ ރައްޔިތެކެވެ. ނިސްބަތްވަނީ މާލޭގެ ގޭންގަކަށެވެ. ތައުލީމީ ހަޔާތުގެ ބޮޑު ބައި ދިޔައީ ސްކޫލްގެ ކްލާސް ރޫމް ތެރައަކު ނޫނެވެ. ގޭދޮށުގައި ނުބައި އެރުވުމާއި ތަފާތު ކުށްތައް ކުރުމުގަ އެވެ. ޖަލަށް ލީ އަދަދެއް ނޭނގެ އެވެ. ވައްކަން ކުރުމާއި ފޭރުމާއި ރާބުއިމާއި ޒިނޭކުރުމާއި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމާއި ވަޅި ހެރުން މިއީ އޭނާގެ އަމަލްތަކެވެ. އެއިން ކަމެއް ނުކުރެވި ދާ ދުވަހެއް ދިމައެއް ނުވެ އެވެ. އިރު އޮއްސޭނީ ނުވަތަ އިރު އަރާނީ އޭނާގެ ހަޔާތުގެ ފޮތުގައި ކޮންމެވެސް ކުށެއް، ނުވަތަ ފާފައެއްގެ ރޮނގު ދަމާލުމަށް ފަހު އެވެ.

ކާކުކަން ނޭނގޭ ތިން މީހުންގެ އަތްދަށުވެ، ކޮން ތަނެއްކަން ނޭނގޭ ތަނެއްގެ ތެރޭގައި ހައްޔަރުވެގެން ޔާސިރު އެ އިނީ ޖަލުން ދޫކޮށްލިތާ ތިން ދުވަހުގެ ތެރޭގަ އެވެ. ޔަގީނުން ވެސް އޭނާ އަށް އަނިޔާކުރަމުން ދަނީ ފުލުހުންނެއް ނޫނެވެ. ސިފައިންނެއް ނޫނެވެ.

އޭނާއާ ސުވާލުކުރާ މީހާ އެ ބުނާ ރެއެއް މާޒީވިތާ މިހާރު ހަ މަސް ވެއްޖެ އެވެ.

އެއީ އޭނާގެ އަތުން އަންހެން ކުއްޖެއްގެ ލޭ އޮހޮރުނު ރެ އެވެ. އޭނާ ޖަލަށް ލީ އެ އަންހެން ކުއްޖާއާ ކައިވެނިކުރަން ހުރިހާ ކަމެއް ނިމި، ރަން ކިޔަން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އަންހެން ކުއްޖާ އުޅެމުން ދިޔައީ އޭނާގެ ގޭގައި، އޭނާ އަށް ލިބިފައި އޮތް ކުޑަ ކޮޓަރިއެއް ވަރުގެ ތަންކޮޅުގަ އެވެ.

"މި ދައްކާ ވާހަކަ ކަލެ އަށް އެނގޭނެ މީތި ފެނުނީމަ،" ޕާޓިޝަންގެ ފަހަތުގައި ހުރި މީހާ ބުންޏެވެ.

އޭނާގެ އަރިމަތީގައި ހުރި އެކަކު ހިނގައިގަތެވެ. ޕާޓިޝަންގެ ދޮރު ހުޅުވާފައި ވަނެވެ. ބިއްލޫރިގަނޑުން އެ ހަރަކާތްތައް އޭނާ އަށް ފެނެ އެވެ. ވާހަކަ ދައްކާ މީހާގެ ފުރަގަހުގައި ހުރި މޭޒު މަތީގައި އޮތް އެއްޗެއް ނެގި އެވެ. ދެން އެ ހިފައިގެން އެތަނުން ބޭރަށް ނުކުތެވެ.

އެއީ ބޮޑު މަރުތޭލެކެވެ.

ހުރިހާ ކަމެއް ނިމުނީ އެވެ. ޔާސިރަށް މުޅިން ޔަގީނެވެ.

މޫނު ނިވާކޮށްގެން ހުރި ވަރުގަދަ މީހާ، އެ މަރުތެޔޮ ހިފައިގެން އައިސް އޭނާގެ ފައި ކައިރީގައި ބޭއްވި އެވެ.

"ތި އޮތީ ކަލޭ ބޭނުންކުރި މަރުތެޔޮ،" އެތެރޭގައި ހުރި މީހާ ބުންޏެވެ.

ޔާސިރުގެ ނަޒަރު އެއަށް ހުއްޓާލި އެވެ. މަރުތެޔޮ ގެނައި މީހާ އެތަނުން ހިނގައިގަތެވެ. ދެން އޭނާ އަށް ފެނުނީ ދަގަނޑު މޭޒު ގެނެސް ކުރިމަތީގައި ބެހެއްޓި ތަނެވެ. ކުއްލިއަކަށް އޭނާގެ ބޮލުގައި ހިފާ، މޭޒު މަތީގައި ޖައްސާ ބާރުކޮށްލި އެވެ.

"އޮތީ ދެ ގޮތް. ހަމަ ތި މަރުތޭލުން ކަލޭގެ ބޯ ޗިސްވުން ނުވަތަ އެރޭގެ ވާހަކަ ކިޔައިދިނުން،" އެތެރޭގައި ހުރި މީހާގެ އަޑު އިވުނެވެ.

"ކިޔައިދީފާނަން،" ބިރުން ހަޅޭއްލެވޭ ފަދަ އަޑަކުން ޔާސިރަށް ބުނެވުނެވެ. އެކަމަކު ދެ މީހުންގެ އަތެއް އޭނާގެ ބޮލުން ނަންޓައެއް ނުލަ އެވެ.

"ވާހަކަ ކިޔައިދޭން ދޫކޮށްލާ،" އެމީހާ ބުނާ އަޑު އިވުނެވެ. އެހާ ހިސާބުން އަނެއް ދެ މީހުން އޭނާގެ ބޮލުން އަތް ދޫކޮށްލާފައި ދެ އަރިމައްޗަށް ޖެހި ހަމަޖެހިލި އެވެ.

ޔާސިރު ވާހަކަ ދައްކަން ފެށި އެވެ. ހަޔާތުގެ އެ ސަފުހާ އެންމެ ފަހުން ހުޅުވާލި އެވެ.

އެފަހަރު އޭނާ ޖަލަށް ލީ މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް ސީދާ ރެޑްހޭންޑްކޮށް އަތުލައިގަނެފަ އެވެ. އަވަހަށް ސަލާމަތްކުރަން އޭނާގެ ގްރޫޕުން އެކި މަސައްކަތްކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މުއްދަތު ޖަހަމުން ގޮސް ތިން މަސް ވީ އިރު ވެސް މާލެ އަށް ބަދަލުކުރާ ގޮތެއް ނުވި އެވެ.

ރަހުމާ އޭރު އުޅެމުން އައީ އޭނާގެ ކޮޓަރީގަ އެވެ. ޔާސިރު ހައްޔަރުކުރީ ރަން ކިޔަން ދެ ދުވަހަށް ވެފައިވަނިކޮށެވެ. ޖަލުގައި ހުއްޓާ އޭނާ އަށް އެނގުނީ ރަހުމާ ރަށަށް ދާން އުޅޭކަމެވެ. ހަމައެކަނި ރަށަށް ދަނީކީ ނޫނެވެ. އެހެން ކައިވެންޏެއް ކުރަން ވެސް އޮތީ ނިންމައިފަ އެވެ.

ޖަލު ބަލަހައްޓާ ކޮންމެވެސް ބައެއްގެ ސިއްރު އެހީތެރިކަމުގައި އެއް ރޭ ދަންވަރު ޔާސިރު ޖަލުން ނުކުތެވެ. އޭނާ އަށް ދިނީ ދެ ގަޑިއިރެވެ. ޖަލުން ނުކުތް އިރު އޭނާ ބަލާ އައި ލޯންޗު އޮތެވެ. މާލެ އަށް ކުރި 45 މިނިޓްގެ ދަތުރު މަތީގައި އޭނާ ކުރިހާ ވެސް ކަމަކީ މަސްތުވުމެވެ. ލޯންޗު ކެޕްޓަނަކީ އޭނާގެ ގޭންގްގައި އޭނާގެ އެންމެ ކައިރި އެކެކެވެ. އޭނާގެ ކޮޓަރީގެ އެއް ތަޅުދަނޑި އަބަދުވެސް އޮންނަނީ އެ ކެޕްޓަންގެ އަތުގަ އެވެ.

ކުޑަކުޑަ ގޯޅިގަނޑެއްގައި ހުރި އެ ގޭގައި ޔާސިރުގެ ކޮޓަރީގެ ދޮރު ހުންނަނީ ސީދާ މަގުމައްޗަށް ވާ ގޮތަށެވެ. ލޯންޗު ކެޕްޓަން ގޯޅިގަނޑުގެ އެއް ކޮޅުގައި ސައިކަލްގައި އިނެވެ. ޔާސިރު ގޮސް ކޮޓަރި އަށް ވަނެވެ.

ރަހުމާ އޮތީ މަޑު އަލީގައި ނިދާފަ އެވެ.

އެ މަރުތޭލަކީ ބަންގްލަދޭޝް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ތަނަކުން އެއް ދުވަހަކު ވަގަށް ނެގި އެއްޗެކެވެ. ކޮންމެވެސް ބޭނުމެއް ޖެހިދާނެ ކަމަށް ބަލައި އެނދު ދަށުގައި އެ ބާއްވާފައި އޮންނަތާ ކިތައްމެ ދުވަހެކެވެ.

އެނދު ކައިރިއަށް މަޑުމަޑުން ގޮސް، ހުއްޓުނު އިރު ވެސް ރަހުމާއަކަށް ހެއެއް ނުލެވުނެވެ. އޭނާ އޮތީ ފާރާ ދިމާއަށް، ވާތް ފަރާތަށް އެނބުރި އެވެ. ކަނާއަތުގައި އަޅާފައި އޮތް ގަޑި ޔާސިރަށް ފެނުނެވެ. އޭނާ ގުދުވެ އެއަށް ބަލައި ވެސް ލި އެވެ. އެއީ ޔަގީނުން ވެސް އޭނާ ދިން ގަޑިއެއް ނޫނެވެ. އެއަށް ވުރެ މާ ރީތި، މާ އަގުބޮޑު އެއްޗެއްކަން އެނގެ އެވެ.

މަޑުމަޑުން އެނދުގެ ދަށަށް އޭނާ އަތް ކޮއްޕާލި އެވެ. މަރުތޭލުގައި ހިފާލި އެވެ. މަޑުމަޑުން ނެގި އެވެ. އޭނާ ކޮޅަށް ތެދުވި އެވެ. ދެ އަތުން ހިފާ، މައްޗަށް ދަމާލި އެވެ. ބާރު އެތިފަހަރު އެރީ ރަހުމާގެ ސީދާ ބޮލަށެވެ. ޔަގީނުން ވެސް ތިން ހަތަރު އެތިފަހަރު ފޮނުވާލި އެވެ. ފެހި ކުލައިގެ މާތަކެއް ހުރި ހުދު ބެޑްޝީޓް ލެއިން ފޯވި އެވެ.

ގަދަ ނިދީގައި އޮތް އަންހެން ކުއްޖާ، އެ ފުން ނިދީގައި މަރުވީ އޭނާ އަށް ކުރެވުނު އަނިޔާވެރިކަމުގެ އިހުސާސާއި ތަދުން އެހެން މީހަކަށް އެއްވެސް އުނދަގުލެއް ނުޖައްސަ އެވެ. އެއީ ކުށެއް ނެތް 22 އަހަރުގެ ދިރިއުޅުމެއް ނެތި ދިޔަ ތިރީހަކަށް ސިކުންތެވެ.

ރަހުމާގެ ޗިސްވެފައި އޮތް ބޮލަށް ކަޅިއެއް ހިންގާލުމަށް ފަހު ޔާސިރު ހަމަޖެހިލާފައި ވަނީ ފާހާނާ އަށެވެ. މަރުތެޔޮ ރަނގަޅަށް ދޮވެލި އެވެ. ދެން ކޮޓަރިން ނުކުމެ ތަޅުލި އެވެ. އެ ގޯޅިގަނޑުގައި އެއްވެސް މީހަކު ނެތެވެ. މަރުތެޔޮ ހިފައިގެން އޭނާ ގޮސް ސައިކަލަށް އެރި އެވެ. (ނުނިމޭ)