އެކްތާ ކަޕޫރްގެ "ނާގިން 4" ނޮވެމްބަރުގައި
އެކްތާ ކަޕޫރްގެ "ނާގިން 4" ނޮވެމްބަރުގައި

ކަލާޒުން ގެނެސްދިން، އެކްތާ ކަޕޫރުގެ ކާމިޔާބު ޓީވީ ސިލްސިލާ "ނާގިން" ގެ ތިން ވަނަ ސީޒަން މި ހަފުތާގައި ނިންމައިލުމާ އެކު، އެ ސިލްސިލާ ހަތަރު ވަނަ ސީޒަން ގެނެސްދޭކަން ކަށަވަރުކޮށް ދީފި އެވެ.

ކަލާޒުން ވަނީ ހަތަރު ވަނަ ސީޒަންގެ ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ. އެކަމަކު އެ ސިލްސިލާ ގެނެސްދޭން ފަށާނެ އިރެއް އެ ޗެނެލުން ހިއްސާއެއް ނުކުރެ އެވެ.

ނަމަވެސް މުނިފޫހި ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ނާގިން" ގެ ހަތަރު ވަނަ ސީޒަން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ދައްކަން ފަށާނެ އެވެ.

މި ސިލްސިލާގެ ތިން ވަނަ ސީޒަން ނިންމައިލުމަށް ފަހު، އެކްތާ ގެނެސް ދޭން މިހާރު ތައްޔާރުވަނީ "ބޭޕަނާ ޕިޔާރު" އާއި "ކަވަޗް 2" އެވެ.

"ނާގިން" ގެ ކޮންމެ ސީޒަނެއް ވެސް ގެނެސް ދެނީ މައިގަނޑު ކާސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ތިން ވަނަ ސީޒަނުގެ މުހިއްމު ތަރިންނަކީ ސުރުބީ ޖިއޯތީ، ޕާލް ވީ ޕޫރީ އަދި އަނމީތާ ހަސަން ދާނީ އެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ސީޒަނުގެ ބަތަލާއިންގެ ރޯލް މޯނީ ރޯއި އާއި އަދާ ހާން ކުޅުނު އިރު ފުރަތަމަ ސީޒަނުގެ ބަތަލަކީ އަރުޖުން ބިޖިލާނީ އެވެ. އަދި ދެވަނަ ސީޒަނުގެ ބަތަލަކީ ކަރްންވީރު ބޯރާ އެވެ.

ހަތަރު ވަނަ ސީޒަނުން ވެސް ތަފާތު ކާސްޓެއް ފެނިގެން ދާނެ ކަމަށް ބެލެވޭ އިރު، މިއީ "ނާގިން" ގެ ފޭނުން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ޝޯއަކަށް ވާނެ އެވެ.

ދެހާސް ފަނަރައިގައި ގެނެސް ދޭން ފެށި ސިލްސިލާގެ ފުރަތަމަ ތިން ސީޒަނުގައި ޖުމްލަ 240 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.