29 މެއި 2019 - 12:01

ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ހުކުރު މިސްކިތުން ތަރާވީސް ނަމާދު ނިންމެވުމަށް ފަހު ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދެއްކި ކުޑަކުޑަ ކުއްޖަކަށެވެ.

މިސްކިތުން އެމަނިކުފާނު ނުކުމެވަޑައިގަންނެވިއިރު މަލީކު މުހައްމަދު ވަހީދު ހުރީ ރައީސާ ސަލާމްކުރުމަށް މަޑުކޮށްލައިގެންނެވެ.
ސަލާމް ގޮވުމަށް ފަހު، "ކޮން ތާކަށް ދާން ތިދަނީ؟"އޭ ކިޔާފައި ރައީސާ ސުވާލުކުރެ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ "ގެއަށް" ކަމަށެވެ.
ދެން މަލީކް އަހަނީ "ގެއަށް ކިޔަނީ ކޮން ނަމެއް" ހެއްޔޭ އެވެ. އެހެން އެހުމުން ސަމާސާކޮށްލައްވަމުން ރައީސް ވިދާޅުވީ ގޭގެ ނަން މިހާރު އެނގޭނެ ކަމަށެވެ.
އެ ވާހަކަފުޅަށް މަލީކް ވަގުތުން ޖަވާބުދީ "މުލިއާގެ" އޭ ބުނެލަ އެވެ. އޭގެ ފަހުން ވަރަށް މަޖާ ހިނިގަނޑެއް ޖަހާލަ އެވެ. ކައިރީގައި ތިބި އެންމެން ހެއްވާލުމުގެ އިތުރުން ވީޑިއޯ ބަލާ ގިނަ މީހުންނަށް ވެސް އެ ހިނިގަނޑު މަޖާވި އެވެ.
މި ވީޑިއޯކޮޅާ އެކު މަލީކް، ސޯޝަލް މީޑިއާއިން ގެއްލޭ ގޮތެއް ނުވި އެވެ. ދެން ފޭސްބުކުން ފެންނަން ފެށީ މިދިއަ ނޮވެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިން ޔޫރަޕްގެ ޓޫރިސްޓަކާ އެކު އެ ކުއްޖާ ވާހަކަ ދެއްކި ވީޑިއޯއެކެވެ.
ގދ. ތިނަދު އަށް އުފަން މަލީކް، އެ ޓޫރިސްޓް މީހާއާ އިނގިރޭސިން ދައްކަމުން ދިޔައީ ޕޮލިހާއި ސެކިއުރިޓީއާ ގުޅޭ ވާހަކަތަކެކެވެ. މަޖާވެފައި އެ ވާހަކަތައް އަޑުއަހަން އިން މީހާ ހޭން ވެސް ފަށަ އެވެ.
މަލީކް އެތަނަށް ދިޔައީ ކީކުރަންތޯ އެހެން މީހަކު އަހަ އެވެ. އޭގެ ޖަވާބު ވެސް މަލީކްގެ ދުލު ކުރީގައި އޮތެވެ.
"ވަރަށް ލޯބިވެއެއްނު މަލީކް ދެކެ ޕޮލިސް ވެސް ދޯ،" ބޮލުގައި އަތް ކާއްތަމުން މަލީކް ބުނެލަ އެވެ.
"ފަތުރުވެރިން ވެސް. އަދި އެތިބީ ސިފައިން ވެސް، އެމީހުން ވެސް ލޯބިވޭ."
ފަހުގެ ވީޑިއޯއާ ގުޅިގެން ފުލުހުން ވަނީ ހާއްސަ ޓްވީޓެއްކޮށްފަ އެވެ. އެ ޓްވީޓްގައި ބުނީ ފުލުހުން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެހެންކަމުން ޕޮލިސް ހެޑްކުއާޓާޒަށް ޒިޔާރަތްކުރުމުގެ ދައުވަތު އޭނާ އަށް ވަނީ ދީފަ އެވެ.