30 މެއި 2019 - 08:33

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރު ކޯޝިކްގެ އާ ފިލްމު "ބާލާ" އަންނަ ނޮވެމްބަރު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ކޮމެޑީ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 22 ގަ އެވެ. މިހާރު ޝޫޓިން ވެސް ކުރިއަށްދާ މި ފިލްމުގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރު އަދި ޔާމީ ގޯތަމް އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، ސޯރަބް ޝުކްލާ އަދި ސީމާ ޕަހްވާ ހިމެނެ އެވެ.
"ބާލާ" އަކީ 2012 ގައި އަޔޫޝްމަން ބޮލީވުޑަށް ތައާރަފުވި ފިލްމު "ވިކީ ޑޯނާ" ގެ ބަތަލާ ޔާމީއާ އެކު އޭނާ ކުޅޭ ދެވަނަ ފިލްމެވެ. އަދި މިއީ ބޫމީއާ އެކު އަޔޫޝްމަން ކުޅޭ ތިން ވަނަ ފިލްމެވެ. އެ ދެ ތަރިން ވަނީ "ޝުބް މަންގަލް ސާވްދާން" އާއި "ދަމް ލަގާ ހައިޝާ" ގައި މަސައްކަތްކޮށްފަ އެވެ.
ވަރަށް ތަފާތު ވާހަކައަކަށް ހަދާ "ބާލާ" ގައި އަޔޫޝްމަން ފެނިގެން ދާނީ ބޯ ތަލަމުންވަމުންދާ މީހެއްގެ ރޯލުންނެވެ.
އަންނަ މަހުގެ 5 ގައި ޝޫޓިން ފަށާ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ ކާސްޓާއި ކްރޫ އެ ގައުމަށް ފުރައިފި އެވެ.
ޓީމް ފުރުމުގެ ކުރިން މުމްބާއީގައި ވަނީ ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި "83" ގެ ކާސްޓް ދައްކައިލީ ކަޅާއި ހުދު އަދި ނޫކުލައިގެ ޓައީ އެޅި ސޫޓާ އެކީގަ އެވެ. މި ފިލްމުގެ އެންމެ މުހިއްމު ތަރިއަކީ ރަންވީރު ސިންގެވެ. އޭނާ ފިލްމުގައި ފެނިގެން ދާނީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު، ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުންނެވެ.
އޭރު ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ގޮތުގައި ފިލްމު ފެނިގެންދާ ކާސްޓްގެ ތެރޭގައި ސާގިބް ސަލީމް، އައްމީ ވާކް، ތާހިރު ރާޖް ބާސިން، ހާޑީ ސަންދޫ، ޗިރާގް ޕަޓިލް، އަދިނާތު ކޮތާރޭ، ޖިވާ، ޑިންކަރު ޝަރުމާ، އާރް ބަދުރީ، ނިޝާންތު ދަހިޔާ، ޖަތިން ސަރުމާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.
އިނގިރޭސިވިލާތަށް "83" ގެ ޓީމް ފުރައިގެން ދިޔައީ އިންޑިއާގައި ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ޓްރޭނިންތަކެއް ހަދައިފަ އެވެ.
މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެޕްރީލް 10 ގަ އެވެ.
"ވަޒީރު" އާއި "ޑޭވިޑް" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބިޖޯއި ނަމްބިއާ "ތައިޝް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ޝޫޓް ކުރާ ފިލްމުގެ މުހިއްމު ތަރިންނަކީ ޖިމް ސަރްބް، އަމިތު ސާދު، ހާޝްވަރުދަން ރާނޭ އަދި ނޭހާ ޝަރުމާ އެވެ.
ބަދަލު ހިފުމުގެ ވާހަކައެއް ކިޔައިދޭ ތުރިލާ "ތައިޝް" ގެ ޝޫޓިން ޖުލައި މަހު ފަށާ އިރު، މުޅި ފިލްމު އެއްކޮށް ޝޫޓް ކުރާނީ އިނގިރޭސިވިލާތުގަ އެވެ.
ބިޖޯއި އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ސައުތުގެ މަޝްހޫރު އެކްޓަރު ދަލްގޫރު ސަލްމާނާ އެކު ގެނެސް ދިން 2017 ގެ "ސޯލޯ" އެވެ.
ސަލްމާން ހާން ހޯސްޓް ކުރާ ކަލާޒްގެ ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގައި ދައްކަން ފަށާ ގޮތަށް ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ސަލްމާން ސޮއިކޮށްފައި ހުރި ފިލްމުތަކެއްގައި ވެސް ބިޒީކޮށް މަސައްކަތް ކުރަން ޖެހޭތީ "ބިގް ބޮސް" މި ފަހަރު ގެނެސް ދޭނީ ގޮރެގާއޯގެ ފިލްމު ސިޓީގައި ތައްޔާރުކޮށްފައިވާ ސެޓެއްގައި ކަމަށެވެ. ކުރިން މި ޝޯ ގެނެސް ދެނީ ލޮނަވާލާގައި ތައްޔާރުކޮށްފައިވާ އަގު ބޮޑު ސެޓަކުންނެވެ.
"ބިގް ބޮސް 13" ސެޕްޓެމްބަރު މަހުގެ 29 ގައި ފެށުމަށް ފަހު، ޝޯގެ ގްރޭންޑް ފިނާލޭ ތާވަލުކޮށްފައި ވަނީ ޖެނުއަރީ، 12، 2020 އަށެވެ. މި ޝޯއަކީ އާންމުކޮށް 15 ހަފުތާގެ މުއްދަތަކަށް، ސެލެބްރިޓީންނާއި އާންމުންގެ ތެރެއިން ބަޔަކު ގެއެއްގެ ތެރޭގައި ބައިތިއްބައިގެން ގެނެސްދޭ ޝޯއެކެވެ.
"ބިގް ބޮސް" ސީޒަން 13 އާ އެކުއެކީގައި ސަލްމާން، ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ގެ ޝޫޓިން ވެސް ކުރިއަށް ގެންދާނެ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމެކެވެ.
މިދިޔަ އަހަރު ގެނެސް ދިން "ބޮގް ބޮސް" ސީޒަން 12 ކާމިޔާބު ކުރީ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އެވެ.