29 މެއި 2019 - 10:04

ދޯހާ، ގަތަރު (މެއި 29) - ބާސެލޯނާ އާއި ސްޕެއިނުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ކުޅެމުން އައި ގަތަރުގެ އަލް ސާދުގެ ކޯޗަކަށް އޭނާ ހަމަޖައްސައިފި އެވެ.
އުމުރުން 39 އަހަރުގެ ޒަވީ ފުޓްބޯޅަ ކެރިއަރު ނިންމާލީ މީގެ 10 ވަރަކަށް ދުވަސް ކުރިން އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާނުގެ ޕާސެޕޯލިސް އަތުން 2-0 އިން އަލް ސާދް ބަލިވި މެޗުންނެވެ. ޒަވީ، އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނަށް ފަހު ޒަވީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އާ ކުރި ނަމަވެސް އޭނާ ފަހުން ނިންމީ މި ސީޒަނަށް ފަހު ރިޓަޔާކުރާށެވެ.
ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
ހަ އަހަރަށް ފަހު މި ސީޒަނުގައި ގަތަރު ލީގު ކާމިޔާބުކުރި އަލް ސާދަށް މި އަހަރު ކޯޗުކޮށްދިނީ ޕޯޗުގަލްގެ ޖެސުއަލްޑޯ ޕެރޭރާ އެވެ. ޖެސުއަލްޑޯ ބުނީ ޒަވީގެ ކޯޗުކަމުގައި އަލް ސާދަށް ގިނަ ކުރިއެރުންތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސާދުއާ ދެ އަހަރުގެ އެއްބަސްވުމުގެއް ދަށުން ހަވާލުވި ޒަވީ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަލް ސާދުން އޭނާ އަށް ކުރި އިތުބާރުގެ ބަދަލު އެ ކްލަބަށް ދޭން ބޭނުންވާ ކަމަށާއި ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ކެރިއަރެއް ނިންމާލުމަށް ފަހު އޭނާގެ އަމާޒަކީ ކޯޗިންގައި ވެސް އެ ފަދަ ކަންތައްތަކެއް ތަކުރާރުކުރުން ކަމަށެވެ.
ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި މީގެ ކުރިން އަޑުފެތުރުނު ނަމަވެސް ޒަވީ ވަނީ އެ ފަދަ ބޮޑު މަގާމަކާ ހަވާލުވާން އަދި އޭނާ ގިނަ ކަންތައްތަކެއް ކޯޗެއްގެ ގޮތުގައި ތަޖުރިބާކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ޒަވީގެ ކޯޗުކަމުގައި އަލް ސާދް ކުޅޭނެ ފުރަތަމަ މެޗަށް ވެގެންދާނީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންނަ އޮގަސްޓް މަހު ހަ ވަނަ ދުވަހު ގަތަރުގެ އަލް ޑުހައިލްއާ ދެކޮޅަށް ކުޅޭ މެޗެވެ. ދާދި ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުޅޭ އެއް ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ކުޅުނު މެޗެއްގައި ޑުހައިލް އިން ވަނީ އަލް ސާދުގެ މައްޗަށް 4-1 އިން ކުރިހޯދައިފަ އެވެ.
ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އަލް ސާދުން އަންނަ ޖުލައި މަހު ބާސެލޯނާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރުމަށް ވަނީ ނިންމައިފަ އެވެ.