29 މެއި 2019 - 09:35

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލްގެ ދެ މުވައްޒަފަކު އަމިއްލައަށް މަރުވި މައްސަލައެއް ތަހުގީގުކުރުމަށް ފަހު ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމާއަތުގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެ މުވައްޒަފަކު މިދިޔަ އަހަރު އަމިއްލަ އަށް މަރުވުމުން އެ މައްސަލަ ތަހުގީގުކުރީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކޫމީ ނައިޑޫގެ އަމުރަށެވެ. އެގޮތުން ކުރި ތަހުގީގަށް މައުލޫމާތު ދިން މުވައްޒަފަކު އެ ޖަމިއްޔާގެ މަސައްކަތު މާހައުލު ސިފަކޮށްފައި ވަނީ "ސިއްރުވެރި އަދި ވިހަ ސަގާފަތެއް"ގެ ގޮތުގަ އެވެ.
އެ ތަހުގީގުގެ ރިޕޯޓް އާއްމުކުރުމުން އެމްނެސްޓީން ބުނީ އެކަމުގެ ޒިންމާ ލީޑަޝިޕުން އުފުލާ ކަމަށާއި އޭގެ ތެރެއިން ހަތް ބޭފުޅަކު އިސްތިއުފާ ދެއްވަން މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.
ސްވިޓްޒަލޭންޑްގެ ޖެނީވާ އާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ތިއްބަވާ އެމްނެސްޓީގެ ލީޑަޝިޕްގެ ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު މިހާރު ވެސް ވަނީ ޖަމިއްޔާ އިން ވަކިވެވަޑައިގެންފައި ނުވަތަ ވަކިވުމުގެ މަރުހަލާގަ އެވެ.
ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްނެސްޓީން ވަކިވާ ބޭފުޅުންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ. އެކަމަކު އެމްނެސްޓީން ބުނީ އެބޭފުޅުންގެ އިނާޔަތް އެހެން މުވައްޒަފުންނަށް ވުރެ ކުޑަވާނެ ކަމަށެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެމްނެސްޓީގެ އޮފީހުގައި މަސައްކަތް ކުރަމުން އައި ގައިޓާން މޫޓޫ، 65، އަމިއްލައަށް މަރުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭނާ އަމިއްލައަށް މަރުވުމުގެ ކުރިން ލިއުނު ނޯޓްގައި ދައްކާފައި ވަނީ ނުކުޅަދާނަވާ ވަރަށް މަސައްކަތްކުރަން ޖެހުމާއި ހާސްކަމުގެ ވާހަކަ އެވެ.
އޭނާގެ މަރު ތަހުގީގުކުރުމުން އެނގުނީ އޭނާއާ މެދު ޖަމިއްޔާގެ އެހެން މީހުން އަޅާނުލާތީ ފުން ހިތާމައެއް ތަހައްމަލުކުރަމުން ދިޔަ ކަމެވެ.
މޫޓޫ މަރުވިތާ ހަ ހަފުތާ ފަހުން އިނގިރޭސިވިލާތުގެ ރޮސަލިންޑް މެކްގްރެގާ، 28، އަމިއްލައަށް މަރުވި އެވެ. އޭނާ އަކީ ޖެނީވާގައި ހުންނަ އެމްނެސްޓީގެ އޮފީހުގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ މަރު ތަހުގީގު ކުރުމުން ފާހަގަވެފައި ވަނީ ޒާތީ މައްސަލައެއް ކަމަށް އެމްނެސްޓީން ބުންޏެވެ. އެކަމަކު އާއިލާ އިން ބުނި ގޮތުގައި ރޮސަލިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި އެމްނެސްޓީއަށް އިތުރަށް މަސައްކަތް ކުރެވުނީހެވެ.
އެ ދެ މުވައްޒަފުންގެ މަރަށް ފަހު އެމްނެސްޓީގެ މަސައްކަތުގެ މާހައުލު އޮތް ގޮތް ބަލަން ކުރި ތަހުގީގުގައި އެ ޖަމާއަތުގެ 475 މުވައްޒަފަކާ ސުވާލުކުރި އެވެ. އެ ތަހުގީގުގެ ރިޕޯޓް އާއްމުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ތަހުގީގަށް މައުލޫމާތު ދިން ބައެއް މުވައްޒަފުން ވަނީ މެނޭޖަރުންގެ ފަރާތުން ކުރިމަތިވާ ދިމާކުރުމުގެ އަމަލުތައް ހުންނަ ގޮތް ސިފަކޮށްދީފަ އެވެ.
"ކަލޭ ޖެހޭނީ ވަކިވާން. ތިޔަ މަގާމުގައި ހުރެއްޖެ ނަމަ ކަލޭގެ ދިރިއުޅުން ވަރަށް ހިތްދަތި ހަޔާތަކަށް ވާނެ،" ދިމާކުރުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ މިސާލެއްގެ ގޮތުގައި ރިޕޯޓްގައި ބުނެފައިވެ އެވެ.
ބައްދަލުވުންތަކުގައި މުވައްޒަފުން ދެރަކޮށްލުމުގެ ވާހަކަތައް ދެއްކުން ފަދަ ނޭދެވޭ ކިތަންމެ ކަމެއް ހިނގާކަން މުވައްޒަފުންނާ ހަވާލާދީ ބަޔާންކޮށްފައިވާ ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.