28 މެއި 2019 - 21:58

ރާއްޖޭގެ ޓުއާ ކުންފުންޏެއް ކަމުގައިވާ ސީކްރެޓް ޕެރެޑައިޒް މޯލްޑިވްސްއަށް ޓްރިޕް އެޑްވައިޒާގެ "ހޯލް އޮފް ފޭމް" އިން ޖާގަ ލިބިއްޖެ އެވެ.
މި ޖާގަ އެ ކުންފުނިން ކަށަވަރުކުރީ ކޮންމެ އަހަރަކު ދުނިޔޭގެ އެކި ޓުއާ ކުންފުނިތަކުގެ ތެރެއިން ހޮވާލެވޭ ކުންފުންޏަކަށް ޓްރިޕް އެޑްވައިޒާ އިން ދޭ "ސެޓިފިކެޓް އޮފް އެކްސެލެންސް" ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބުކޮށްގެންނެވެ. މި އަހަ ރުވެސް އެ ކުންފުނިން ވަނީ މި ސެޓިފިކެޓް ހޯދައިފަ އެވެ.
ޓްރިޕް އެޑްވައިޒާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިސްޓުން އެ މީހުން ކުރާ ދަތުރުތަކުގައި ފެންނަ ތަންތަނުގެ ރިވިއުތައް ލިޔާ ވެބްސައިޓެކެވެ. މި ވެބްސައިޓް މެދުވެރިކޮށް ގިނަ ޓޫރިސްޓުން އެ މީހުން ދާން ބޭނުންވާ މަންޒިލް ކަނޑައަޅަ އެވެ.
ޓްރިޕް އެޑްވައިޒާ އިން ކޮންމެ އަހަރަކު ދޭ "ސެޓިފިކެޓް އޮފް އެކްސެލެންސް" އަކީ އެ ވެބްސައިޓުގައި މީހުން ދޭ ރިވިއުތަކުގެ ތެރެއިން ރަނގަޅު ރިވިއު އެންމެ ގިނައިން ލިބޭ ކުންފުންޏަކަށް ދޭ އެވޯޑެކެވެ.
އެ ވެބްސައިޓުގައި ސީކްރެޓް ޕެރެޑައިޒް މޯލްޑިވްސް 387 މީހުން ރިވިއުކޮށްފައި ވާއިރު 336 ރިވިއު އަކީ ޕޮޒިޓިވް ރިވިއުތަކެވެ.
ހުޅުމާލޭގައި އޮފީސް ހިންގާ މި ކުންފުންޏަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގެންގޮސް މޫދު ކުޅިވަރުގެ ހިދުމަތްތައް ވެސް ދޭ ކުންފުންޏެކެވެ.