30 މެއި 2019 - 08:34

އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ޕްރަބާސްގެ ފިލްމު "ސާހޯ" އެ ތާރީހުގައި ރިލީޒް ކުރުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، ފިލްމުގެ މިއުޒިކް ޑައިރެކްޓަރުން ވެސް އެ ފިލްމު ދޫކޮށްލައިފި އެވެ.
ސުޖީތު ޑައިރެކްޓް ކުރާ އެކްޝަން ތުރިލާގެ މިއުޒިކާ ކުރިން ހަވާލުވީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ތިން ޕާޓްނަރުން ކަމަށްވާ ޝަންކަރު-އިހްސާން-ލޯއި އެވެ. އެ މީހުންގެ ޓްވިޓާ އިން ބުނީ "ސާހޯ" ދޫކޮށްލާފައިވާ ކަމަށާއި ފިލްމުގެ ޓީމަށް ކާމިޔާބީ އަށް އެދޭ ކަމަށެވެ.
ނަމަވެސް ފިލްމު ރިލީޒް ކުރާ ތާރީހު ވަރަށް ބޮޑަށް ކައިރިވެފައި ވަނިކޮށް އެ މީހުން ފިލްމު ދޫކޮށްލި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ޝަންކަރަކީ ކަލާޒުން މިހާރު ދައްކާ ލަވަ ޝޯ "ރައިޒިން ސްޓާ" ސީޒަން ދޭއްގެ ޖަޖިން ޕެނެލުގައި ވެސް ހިމެނޭ ފަންނާނެކެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ސާހޯ" އޮގަސްޓް 15 ގައި ރިލީޒް ނުކުރާނެ ކަމަށް ބެލެވެނީ ފިލްމުގެ ވީއެފްއެކްސް ވެސް އެ މުއްދަތަށް ނުނިމިދާނެތީ އެވެ. ޖުމްލަ 300 ކްރޯޑް ރުޕީސް (43,032,000 ޑޮލަރު) އިން ހަދާ އެ ފިލްމަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ހިމެނޭ ފިލްމެކެވެ.
ސައުތާއި ބޮލީވުޑްގެ ތަރިންގެ މަސްހުނި ކާސްޓަކާ އެކު ގެނެސްދޭ ފިލްމުގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ. އަދި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖެކީ ޝްރޮފާއި ނީލް ނިތިން މުކޭޝްގެ އިތުރުން އެވެލީން ޝަރުމާ އަދި މަންދިރާ ބޭދީ ވެސް "ސާހޯ" އިން ފެނިގެން ދާނެ އެވެ.
މި ފިލްމަކީ 2017 ގައި ރިލީޒް ކުރި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ. އެހެންވެ ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.