28 މެއި 2019 - 15:23

ސަންގު ޓީވީން ރޯދަ މަހާ ދިމާކޮށް ސިލްސިލާކޮށް ގެނެސްދެމުން އަންނަ "ރޯހާ ފުއްޓަރު" ޑްރާމާ އަކީ އިސްލާމީ ޝިއާރުތަކާ ފުށު އަރާ ޑްރާމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ، އެ ޑްރާމާ ދެއްކި މައްސަލަ ބަލައިދިނުމަށް އެދި އެ މިނިސްޓްރީން ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީއެއްގަ އެވެ.
ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވުމަށް ބްރޯޑްކޮމް އިން ވަނީ ސަންގު ޓީވީ އަށް މުހުލަތެއް ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ބުނީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އަދަބާއި އަހުލާގާ ފުށުއަރާ މަންޒަރު ސަންގު ޓީވީން މީޑިއާގައި އާންމުކުރި ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގައި އޮންނަ އަހުލާގީ މިންގަނޑު ފަސާދަކުރާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ދީނުގެ އެއްވެސް އަސްލަކާ ފުށު އަރާ ކަންކަމާއި އިސްލާމީ، އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުން ބޭރުން ކަންކަން ކުރުމުގެ އިހްތިޔާރު ދިނުމާ އެފަދަ ކަމެއް ކުރުމަކީ ދިވެހިންގެ މެދުގައި އޮންނަ ދީނީ ވަހްދަތާއި އެއްބައިވަންތަކަން ހިމާޔަތް ކުރުމަށާއި ސުލްހަމަސްލަސްކަން ގާއިމުކުރަން އެޅޭނެ ހުރަހެކެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި އޮރިޔާން ކާޑުގެ މާނައިގައި ބުނެފައި ވަނީ ޖިންސީ ގުޅުން ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ޖިންސީ ގުނަވަންތައް ސިފަވާ މަންޒަރާއި އަޑު އަދި ޖިންސީ ގުޅުން ހިންގުމަށް ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައި ހުންނަ އެއްޗެހީގެ މަންޒަރާއި އެފަދަ މަންޒަރު ސިފަވާ އަޑު ހިމެނޭ އެއްވެސް އެއްޗެއް ދައްކައިގެން ނުވާނެ ކަމަށެވެ.
މީގެއިތުރުން ދީނީ ގޮތުން ނުވަތަ ގާނޫނުއަސާސީން ނުވަތަ ގާނޫނުތަކުން މަނާ ކުރާ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރުމަށާއި ދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރަން އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ސަންގު ޓީވީން ގެނައި ޑްރާމާއަކީ ރާއްޖޭގައި ދެމެހެއްޓިފައި އޮންނަ އިސްލާމީ، އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުން ބޭރުން ކޮށްފައިވާ ކަމެއް ކަމުގައިވާތީ ސަންގު ޓީވީގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަނީ ބްރޯޑްކޮމްގެ ކިބައިން އެދިފަ އެވެ.