30 މެއި 2019 - 08:33

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ ޕީރިއަޑް އެކްޝަން ފިލްމު "ކޭޖީއެފް: ޗެޕްޓާ 1" ގެ ދެވަނަ ބައިގެ ރޯލަކަށް ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަން ސޮއިކޮށްފައިވާ ކަމަށާއި ފިލްމުގައި އޭނާ ކުޅޭނީ އިންޑިއާގެ ހަމައެކަނި އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑެކަން ކްރޮނިކަލް އިން ބުނި ގޮތުގައި "ކޭޖީއެފް: ޗެޕްޓާ 2" އިން ރަވީނާ ހުށަހެޅި ކެރެކްޓާ ކަމުދިޔަލެއް ބޮޑުކަމުން އޭނާ ވަނީ ފިލްމަށް ވަގުތުން އެއްބަސްވެފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަވީނާ އާއި އެ ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރަވީނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2017 ގައި ރިލީޒް ކުރި "ޝަބް" އިންނެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި "ކޭޖީއެފް: ޗެޕްޓާ 2" ގެ ރޯލެއް ސަންޖޭ ދަތަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒް ކުރި "ކޭޖީއެފް: ޗެޕްޓާ 1" އަކީ ބޮކްސް އޮފީހުގައި 250 ކްރޯޑް ރުޕީސް (31,563,400 ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހަދަން ހޭދަ ކުރީ ގާތްގަނޑަކަށް 80 ކްރޯޑް ރުޕީސް (11,477,600 ޑޮލަރު) އެވެ.
ޕްރަޝާންތު ނީލް ޑައިރެކްޓް ކުރި "ކޭޖީއެފް: ޗެޕްޓާ 1" ގެ ބަތަލުގެ ރޯލް ކުޅެފައި ވަނީ ކަންނާޑާގެ މަޝްހޫރު އެކްޓަރު ޔާޝް އެވެ. ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު މީގެ ދެވަނަ ބައިގެ މަސައްކަތް ވަނީ މިދޮޔަ މާޗް މަހުގެ ތެރޭގައި ފަށައިފަ އެވެ.