28 މެއި 2019 - 13:58

އާ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ސަރުކާރުގެ އެހީއަށް އެދުމުން ކޮންމެ ކްލަބަކަށް 200،000ރ. ދިނުމަށް ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯއީ) ޕްރޮގްރާމުގެ ދަށުން ކުންފުނިތައް މެދުވެރިކޮށް މިދިޔަ ސަރުކާރުން ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނެވެ. މި ސަރުކާރުން އެ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމުމުން އެފްއޭއެމުން ވަނީ ކްލަބްތަކަށް އަމިއްލަ އަށް ފައިސާ ދޭން ނިންމައިފަ އެވެ. އެކަމަކު ސީޒަން ފެށެން ގާތްވެ، ކްލަބްތަކަށް އަދިވެސް މާބޮޑު އެހީއެއް ލިބިފައިނުވާތީ، ސަރުކާރުން އެހީވާން ނިންމީ ކަމަށް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
"ފުޓްބޯޅަ ސީޒަން ފެށެން ކުޑަތަން ވެފައި އޮތްއިރު ކްލަބްތަކަށް ދިމާވެފައިވާ މާލީ މައްސަލަތައް މިނިސްޓްރީއާ ހިއްސާކުރުމުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި. މިނިސްޓްރީން ކޮންމެ ކްލަބަކަށް ދެ ލައްކަ ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހަމައެކަނި ފުޓްބޯޅަ އަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހަރަދުކުރާތީ އޭރު ވެސް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. މިނިސްޓްރީން ބުނީ މި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކުޅިވަރަކަށް އެއް ހަމަ އަކުން ސަރުކާރު ކުންފުނިތަކުގެ އެހީތެރިކަން ލިބުން ކަމަށެވެ.
"ފުޓްބޯޅަ ކްލަބްތަކަށް ކުރިން ލިބެމުން އައި ތިން މިލިއަން ދޭ ގޮތަކަށް ނޫން އޮތީ. މާލީ އެހީތެރިކަމެއް މި ދެނީ ކަންބޮޑުވުންތަކެއް ކްލަބްތަކުން ހިއްސާކުރީމަ. އެފްއޭއެމުން ދޭ ފައިސާ ވެސް ހަމަނުޖެހި ހުރީ. ސަރުކާރުގެ ޕޮލިސީ އަކީ ހުރިހާ ކުޅިވަރުތަކަށް ކުންފުނިތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން،" އޮފިޝަލް ބުންޏެވެ.
އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި އެފްއޭއެމުން ބަހާލައިގެން ދޭ ފައިސާގެ ފުރަތަމަ ކުއާޓަރުގެ ފައިސާ މިހާރު ކްލަބްތަކަށް ވަނީ ދީފަ އެވެ. ދެން ކޮންމެ ކުއާޓަރެއްގެ ފައިސާ ދޭނީ ހަރަދުގެ ތަފްސީލް ރިޕޯޓް ދިނުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މިދިޔަ ސަރުކާރުން އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައިވެ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ފުޓްބޯޅަ އަށް ކުރި ހަރަދުތައް 60 މިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ. އެކަމަކު އޭގެން ގިނަ ކްލަބްތަކަށް އެންމެ އެކަށީގެންވާ ފައިދާތަކެއް ނުކުރާ ކަމަށް ގިނަ ބަޔަކު ބުނާ ސަބަބަކީ މިދިޔަ ސީޒަން ނިމުނުއިރު، މާލީ ގޮތުން ގިނަ ކްލަބްތަކެއް އަޑިގަނޑެއްގެ ތެރޭގައި އޮތުމުންނެވެ،.
ސަރުކާރު ކުންފުނިތަކުން ފުޓްބޯޅަ އަށް އެ ވަރުގެ ބޮޑު ހޭދައެއް ކުރިއިރު، ކްލަބްތަކުން އެ ފައިސާ ބޭނުންކުރި ގޮތް ބަލާނެ ކަމަށް މީގެ ކުރިން އެފްއޭއެމާއި މިނިސްޓްރީން ވެސް ވަނީ ބުނެފަަ އެވެ.
އަންނަ މަހު ހަތް ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ ފުޓްބޯޅަ ސީޒަނަށް ޓީމުތައް ރަޖިސްޓްރީ ކުރުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކްލަބްތަކަށް ބައިވެރިވެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ހޯދައިގެންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާއިރު، އެ ޓީމަށް ވާދަކުރެވޭނެ ގޮތެއް ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ. ނިއުގެ ޖާގަ އެއްވެސް ޓީމަކަށް ނުދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.