28 މެއި 2019 - 12:42

ބްރެޒިލްގެ އުތުރު ސަރަހައްދުގައި ހުރި ޖަލުތަކެއްގައި މަދުވެގެން 40 ގައިދީން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
މި އެންމެން ވެސް މަަރުވީ އެމެޒޯނަސް ސްޓޭޓްގެ ވެރިރަށް މަނައުސްގެ އެކި ޖަލުތަކުގައި ނޭވާ ހާސްވެގެން ކަމަށް، ރިޕޯޓްތައް ބުނެ އެވެ.
ހަތަރު ޖަލެއްގައި މަރުވެފައި ތިއްބާ އެ އެންމެން ފެނުނީ ޖަލުތަކުގެ މުވައްޒަފުންގެ އިންސްޕެކްޝަންގެ ތެރޭގައި ކަމަށް ވެސް ވެ އެވެ.
މިދިއަ އާދިއްތަ ދުވަހު އެހެން ޖަލެއްގައި ހިންގި ގޭންގް ހަމަނުޖެހުންތަކެއްގައި 15 ގައިދީއަކު ވަނީ މަރުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖަލުތަކުގައި އުފެދުނު ހަމަނުޖެހުންތަައް ކޮންޓްރޯލްކުރަން ޓާސްކް ފޯސްއެއް ފޮނުވި އެވެ.
އިއްޔެގެ ހާދިސާއަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެ އެވެ. އެހެންކަމުން މި މަރުތައް ތަހުގީގުކުރަން މިހާރު ވަނީ ފަށައިފަ އެވެ.
އާދިއްތަ ދުވަހު އެހެން ޖަލެއްގައި ގޭންގް ހަމަނުޖެހުންތައް އުފެދުނީ ގައިދީން ކައިރިއަށް ޒިޔާރަތްކުރުމުގެ ވަގުތުގަ އެވެ. މަރުވި ގައިދީންނަށް ތޫނު އެއްޗެހިން ހަމަލާދީފައިވެ އެވެ. އެ ހަމަނުޖެހުންތައް ހިންގީ އެ ދުވަހު ޖަލަށް ޒިޔާރަތްކުރި އާންމުންގެ ވެސް ކުރިމަތީގަ އެވެ.
"އެއީ ބޮޑު ހަމަނުޖެހުންގަނޑެއް،" ޖަލަށް ޒިޔާރަތްކުރި ގައިދީއެއްގެ މަންމައަކު ބުންޏެވެ.
"އެންމެން ވެސް ބިރުން ދުވީ. ކޮންމެވެސް ދޮރެއް ކައިރިއަށް، ކޮންމެވެސް އެހެން ގޮތަކުން ނުކުމެވޭތޯ އެންމެން އުޅުނީ."
ބްރިޒިލްގެ ޖަލުތަކުގައި އެތަންތަނަށް އެކަށީގެންވާ ވަރަށް ވުރެ މާ ގިނައިން ގައިދީން ބޭތިއްބުމުން ޑްރަގްގެ މައްސަލަތައް ބޮޑުވެ، ގޭންގްތައް އަންނަނީ އެތަންތަން ކޮންޓްރޯލްކުރަމުންނެވެ. އެންމެ ފަހުގެ މަރުތައް މި އައީ މީގެ ދެ އަހަރު ކުރިން ގައިދީންގެ މެދުގައި ހިންގި ހަމަނުޖެހުންތަކެއްގައި 56 މީހުން މަރުވެފައި އޮއްވަ އެވެ.
ދުނިޔޭގައި އެންމެ ގިނަ ގައިދީން ގެންގުޅޭ ތަނަކީ ބްރެޒިލް އެވެ. މިދިއަ އެޕްރީލްމަހާ ހަމައަށް ބްރެޒިލްގެ އެކި ޖަލުތަކުގައި 712،305 ގައިދީން ތިއްބެވެ. މިއީ ޖަލުތަކުގެ ޖާގައަށް ވުރެ ދެ ބައި ކުޅަ އެއް ބައި ގިނަ މިންވަރެކެވެ.