ބާސެލޯނާގެ ޝައުގުވެރިކަން މާޓިނޭޒަށް
ބާސެލޯނާގެ ޝައުގުވެރިކަން މާޓިނޭޒަށް

ބާސެލޯނާ (މެއި 28) – އާނެސްޓޯ ވަލްވާޑޭގެ ބަދަލުގައި ބާސެލޯނާގެ ކޯޗަކަށް އަންނަ ސީޒަނުގައި ގެންނަން އެ ކްލަބުން ބޭނުންވާ ކޯޗަކީ ބެލްޖިއަމްގެ ސްޕެއިން ކޯޗު ރޮބާޓޯ މާޓިނޭޒް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން ވަލްވާޑޭގެ ކޮންޓްރެކްޓް އާކުރި ނަމަވެސް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕުގައި ލިބުނު ނާކާމިޔާބީއާ އެކު އޭނާ މަގާމުގައި ބަހައްޓާނެ ކަމަށް ނުބެލެވެ އެވެ. އޭނާ އަށް ތާއީދުކޮށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވާހަކަދެއްކެވި ނަމަވެސް ގޮތް ނިންމާނީ ބޯޑުންނެވެ.

ޕްރިމިއާ ލީގުގެ ވިގަން އެތުލެޓިކާއި އެވަޓަން އަށް ކޯޗުކޮށްދީފައިވާ މާޓިނޭޒަކީ ޒަމާނީ ސްޓައިލަށް ކުޅުވާ ކޯޗެކެވެ. ބެލްޖިއަމަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދައިދިން މާޓިނޭޒް، އެ ޓީމާ އެކު ކުރި ތަޖުރިބާ ރަނގަޅުވުމަކީ ބާސެލޯނާ އިން އޭނާ ބޭނުންވާ ސަބަބެވެ.

ބާސެލޯނާ އިން ގެނެސްފާނެ ކަމަށް ބެލެވޭ އަނެއް ކޯޗަކީ ޔުވެންޓަސް އިން މި ސީޒަނަށް ފަހު ވަކިވި މެކްސް އެލެގްރީ އެވެ. މިވަގުތު ކޯޗެއް ހޯދާ ހަމައެކަނި ބޮޑު ކްލަބަކީ ބާސެލޯނާ އަށް ވެފައި އެ ކްލަބުން ފުރުސަތު ނުލިބިއްޖެ ނަމަ އެލެގްރީ އެއް އަހަރުގެ ޗުއްޓީއެއް ނަގާނީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން ރާވާފައިވަނީ ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ހަވާލުވާ ގޮތަށް. އެހެން ނޫން ނަމަ އަހަރެން އެއް އަހަރަށް ފުޓްބޯޅައިން ދުރަށް ދާނީ،" އެލެގްރީ ބުންޏެވެ.