އެއްވެސް މީހަކު ދުވަހަކު ވެސް އިންނާކަށް ނާހާ: ސަލްމާން ހާން
އެއްވެސް މީހަކު ދުވަހަކު ވެސް އިންނާކަށް ނާހާ: ސަލްމާން ހާން

ބަތަލާ ކެޓްރީނާ ކައިފް ވަނީ ކައިވެނިކުރާނީ ކޮން އިރަކުތޯ ސަލްމާން ހާން ގާތު ދެ ފަހަރެއްގެ މަތިން އަހައިފަ އެވެ. އެކަމަކު އެއީ ދެ ފިލްމެއްގައި ސްކްރީނުގަ އެވެ. އަންނަ މަހު ރިލީޒްކުރާ ފިލްމު "ބާރަތު" ގައި ސަލްމާންގެ ކައިވެންޏާ ބެހޭ ގޮތުން ކެޓްރީނާ ސުވާލުކުރާ ޕްރޮމޯ ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް ވެސް ހިނގި އެއްޗަކަށެވެ.

މީގެ ކުރިން ކެޓްރީނާ ހަމަ އެ ސުވާލު ކުރީ 2012 ގެ ފިލްމު "އޭކް ތަ ޓައިގާ" އެވެ.

އުމުރުން މި އަހަރު 54 އަހަރު ފުރޭ އިރު، ސަލްމާން ކައިވެނި ނުކޮށް ހުންނާތީ އެ ސުވާލަށް ކޮންމެ ދުވަހަކުހެން އޭނާ އަށް ޖަވާބު ދޭން ޖެހެ އެވެ. ވަކިން ހާއްސަކޮށް މީޑިއާތަކުގެ ކުރިމަތީގަ އެވެ. "ބާރަތު" ގެ ޕްރޮމޯޝަނުގެ ތެރެއިން ވެސް އެންމެ ހިނގާ އެއް ވާހަކަ އަކީ ހަމަ މިއެވެ.

މި ފަހަރު ނޫސްވެރިން ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމުން ސަލްމާން ދިން ޖަވާބަކީ މިއެވެ؛

"އެއްވެސް މީހަކު މިހާތަނަކަށް އަހަރެން ގާތު އިންނާކަށް ނާހާ،" މަޖާ މޫޑެއްގައި ސަލްމާން ބުންޏެވެ.

ނޫސްވެރިން ދެން ސުވާލުކުރީ އެއްވެސް އަންހެނަކު ކައިވެންޏަށް ނޭދޭތީ މާޔޫސްވޭތޯ އެވެ. އެ ސުވާލު ވެސް ފިނިކޮށް ނަގަމުން ސަލްމާން ބުނީ "އާއެކޭ" އެވެ.

"ދެން އަހަންނަކީ ކެންޑްލް ލައިޓް ޑިނާތަކާ ވެސް އެހާ ގަޔާވާ މީހެއް ނޫން،" އޭނާ ބުންޏެވެ.

ސަލްމާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދަރިން ބޭނުން ކަމަށާއި އެކަމަކު އަންބަކު ބޭނުން ނުވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެ ޖަވާބަކީ ސަރޮގޭޓްކޮށްގެން ނުވަތަ އެޑަޕްޓްކޮށްގެން ދަރިއަކު ހޯދަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ތެދެއްކަން ހާމަކޮށް ދިނުމުގެ ގޮތުން ދިން ޖަވާބެކެވެ.

ސަލްމާން ވަނީ ކެޓްރީނާ އާއި އައިޝްވާރިޔާ ރާއީ އާއި ސަންގީތާ ބިޖިލާނީ އަދި ޕާކިސްތާނުގެ ކުރީގެ ބަތަލާ ސޯމީ އަލީއާ ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ.

"ބާރަތު" ގެ ޕްރޮމޯޝަނުގެ ތެރެއިން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއްގައި ސަލްމާން ބުނީ ކެޓްރީނާ ކައިވެނިކޮށްގެން ދަރިން ހޯދާ ތަން ދެކެން ވެސް ބޭނުންވާ ކަމަށެވެ.

ގާތްގަނޑަކަށް ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ސަލްމާނާއި ކެޓްރީނާ ރުޅިވީ 2010 ގަ އެވެ. އޭގެ ފަހުން ދެ މީހުން ދެން ދުވަހަކު އެކީގައި ފިލްމެއް ވެސް ނުކުޅޭނެ ކަމަށް ބެލެވިފައި އޮއްވައި އެކީގައި ސްކްރީނަށް އައީ 2012 ގެ "އޭކް ތަ ޓައިގާ" އިންނެވެ. ސަލްމާނާ ރުޅިވުމަށް ފަހު ކެޓްރީނާ ދެން ގުޅުނީ ރަންބީރު ކަޕޫރާ އެވެ. އެ ގުޅުން ނިމުމަކަށް އައީ 2016 ގަ އެވެ.

ސަލްމާން ލޯބީގެ ގުޅުން ބޭއްވި މީހުންގެ ތެރެއިން އޭނާއާ މިހާރު ވެސް ގާތް ގުޅުމެއް ބާއްވަނީ ކެޓްރީނާ އާއި ފުރަތަމަ ލޯބިވެރިޔާ ސަންގީތާއާ އެވެ.