ކަރީނާ ކަޕޫރާ އެކު "ޑާންސް އިންޑިއާ ޑާންސް" ގެ ޕްރޮމޯ ދައްކާލައިފި
ކަރީނާ ކަޕޫރާ އެކު "ޑާންސް އިންޑިއާ ޑާންސް" ގެ ޕްރޮމޯ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ފުރަތަމަ ފަހަރަށް ޓީވީ ޝޯއެއްގައި ބައިވެރިވާ ޝޯ، ޒީ ޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

ވަރަށް ފޯރިގަދަ އެހާމެ ގްލެމަރަސްކޮށް ދައްކައިލި ޕްރޮމޯ އިން ކަރީނާ ފެނިގެން ދަނީ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ މާޓިސް އާއި ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދަމުން އަންނަ ރަފުތާރެވެ.

ޒީޓީވީގެ އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ "ޑީއައިޑީ" ގެ ޖަޖިން ޕެނަލަށް މި ފަހަރު މުޅިން ބޮޑު ބަދަލެއް ގެނައި އިރު، ޝޯ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފަހަރު ޝޯ ހޯސްޓް ކުރާނީ އެ ޗެނެލުން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ކުންދަލީ ބަގިޔާ" ގެ އެކްޓަރު ދީރަޖް ދޫޕަރެވެ.

މި އަހަރު ގެނެސްދޭ "ޑީއައިޑީ" އަކީ އެ ޝޯގެ 7 ވަނަ ސީޒަނެވެ. ހަ ވަނަ ސީޒަން ގެނެސް ދިނީ މިދިޔަ އަހަރު އެވެ.

"ޑީއައިޑީ" ގައި ކުރިން މުޅިން ވެސް ޖަޖްކަން ކުރީ ކޮރިއޮގްރާފަރުންނެވެ. އޭގެ ތެރޭގައި ރެމޯ ޑި ސޫޒާ، ގީތާ ކަޕޫރް، ޓެރެންސް ލުވިސް، މުދައްސަރު ހާން، ޝުރޫތީ މާޗަންޓް، ފީރޯޒް ހާން، ޕުނިތު ޕަތަކް، ގައިތީ ސިއްދީގީ، މިނީ ޕްރަދާން އަދި މަރުޒީ ޕެސްޓޮންޖޯ ހިމެނެ އެވެ.

އަދި ޝޯގެ މާސްޓާ ޖަޖެއްގެ ގޮތުގައި ކޮންމެ ފަހަރަކު ވެސް އެކްޓަރު މިތުން ޗަކްރަބަތީ ފެނިގެން ދެ އެވެ.

"ޑީއައިޑީ" ގެ 7 ވަނަ ސީޒަންވެގެން ދާނީ ފިލްމީ ބަތަލާ އަކު ޝޯގެ ޖަޖިން ޕެނެލާ ގުޅުނު ފުރަތަމަ ފަހަރަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަރީނާ މި ޝޯގެ ޖަޖަކަށް އެއްބަސްވީ ޓީވީ ޝޯއަކުން ބަތަލާއަކަށް މިހާތަނަށް ލިބޭނެ އެންމެ ފީއާ ވެސް އެކީގަ އެވެ.

"ޑީއައިޑީ" ދައްކަން ތައްޔާރުވަމުން އަންނަ ކަރީނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އިންނެވެ.