29 މެއި 2019 - 08:37

މި އަހަރުގެ ނޮވެމްބަރު 8 ގައި ރިލީޒްކުރަން އޮތް ރެމޯ ޑި ސޫޒާގެ "ސްޓްރީޓް ޑާންސާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ޖެނުއަރީ، 24، 2020 ގަ އެވެ. ފަހު ޝޫޓިން ޝެޑިއުލް ދުބާއީގައި ކުރިއަށް ގެންދާ ފިލްމުގެ މުހިއްމު ތަރިންނަކީ ވަރުން ދަވަން، ޝްރަދާ ކަޕޫރް އަދި ނޯރާ ފަތެހީ އެވެ.
މީގެ އިތުރުން ވެސް މި ފިލްމުން އިންޑިއާ އާއި އިންޓަނޭޝަނަލް ގިނަ ނެށުންތެރިންތަކެއް ފެނިގެން ދާނެ އެވެ.
"ސްޓްރީޓް ޑާންސާ" ގެ މަންޒަރުތަކެއް ކުރިން ވަނީ ޕަންޖާބާއި ލަންޑަނުގައި ވެސް ނަގައިފަ އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ރޭސް 3" އަށް ފަހު ރެމޯ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރާ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް ގެންނާނީ 3ޑީ ފޯމެޓްގަ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 6 ގައި ރިލީޒް ކުރަން ނިންމާފައި ފަހުން އަންނަ އަހަރުގެ ޖެނުއަރީ 24 އަށް ތާވަލު ކުރި އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ އަދި ރަސްމީކޮށް ނަން އިއުލާން ނުކުރާ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ފެބްރުއަރީ، 21، 2020 ގަ އެވެ.
މި ފިލްމުގެ ތަރިންނަކީ ރާޖްކުމާރު ރާއޯ، ފާތިމާ ސަނާ ޝެއިހް، އަބީޝެކް ބައްޗަން، ސާނިއާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރް އަދި ޕަންކަޖް ތުރިޕަތީ އެވެ.
މި އެންތޮލޮޖީ ފިލްމަކީ 2017 ގައި ރިލީޒް ކުރި ފްލޮޕް ފިލްމު "ޖައްގާ ޖާސޫސް" އަށް ފަހު އަނޫރާގް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނާ ވަނީ 2007 ގައި ވެސް "ލައިވް އިން އަ...މެޓްރޯ" ކިޔާ ކާމިޔާބު އެންތޮލޮޖީ ފިލްމެއް ގެނެސް ދީފަ އެވެ.
އެންމެ ފުރަތަމަ މި އަހަރުގެ ޑިސެމްބަރު 6 ގައި ރިލީޒް ކުރަން ނިންމައި ފަހުން، ނޮވެމްބަރު 22 އަށް އަވަސްކުރި އަނީސް ބަޒްމީގެ ކޮމެޑީ ފިލްމުޖ "ޕާގަލްޕަންތީ" ރިލީޒް ކުރާ ތާރީހު އަނެއްކާ ވެސް އަވަސްކޮށްފި އެވެ.
އިނގިރޭސިވިލާތުގައި ޝޫޓް ކުރި ޓީ ސީރީޒްގެ މި ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސް ދޭން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 8 ގަ އެވެ.
"ޕާގަލްޕަންތީ" ގެ ތަރިންނަކީ އަނިލް ކަޕޫރް، ޖޯން އަބްރަހަމް، އަރުޝަދު ވަރުސީ، ޕުލްކިތު ސަމްރާޓް، އިލިއާނާ ޑި ކްރޫޒް، އުރުވަޝީ ރޮޓޭލާ އަދި ކްރިތީ ކަރުބަންދާ އެވެ.
މި ފިލްމުގެ ޓީމުން ބުނި ގޮތުގައި "ޕާގަލްޕަންތީ" އަކީ އިތުރު ބައިތަކެއް ވެސް ގެނެސް ދޭނެ ފްރެންޗައިޒެކެވެ.
އަންނަ މަހުގެ 28 ގައި ރިލީޒް ކުރަން ނިންމާފައިވާ ޑައިރެކްޓަރު އަނޫބަވް ސިންހާގެ އާ ފިލްމު "އާޓިކަލް 15" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލާނީ މި މަހުގެ 30 ގަ އެވެ.
އަޔޫޝްމަން ކުރާނާ ފުލުހެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހަމަހަމަކަމުގެ ހައްގާ ގުޅުން ހުރި މައްސަލަތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ ކާސްޓްގެ ތެރޭގައި އީޝާ ތަވްލާރު، ސަޔާނީ ގުޕްތާ، ކުމުދު މިޝްރާ އަދި އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ ހިމެނެ އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓްތަކުގެ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު އަޔޫޝްމަންގެ "އާޓިކަލް 15" އާ ދޭތެރޭ ކުރެވޭ އުންމީދުތުތައް ވެސް ބޮޑެވެ.
މިދިޔަ އަހަރު ވެސް އޭނާގެ ވަރަށް ކާމިޔާބު ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ބަދާއީ ހޯ" އާއި "އަންދާދުން" އެވެ.