28 މެއި 2019 - 12:14

މެކްސިކޯއިން ޖަޕާނަށް ދަތުރު ކުރަމުންދިޔަ ފަސިންޖަރަކު ކޮކެއިން ޕެކެޓްތަކެއް ދިރުވާލުމުގެ ސަބަބުން މަރުވެއްޖެ އެވެ.
ޖަޕާނަށް ނިސްބަތްވާ އުޑޯ އެން، ފްލައިޓު ތެރޭގައި މަރުވުމާ ގުޅިގެން މެކްސިކޯގެ ހަމަސިލޯ ސިޓީއަށް އިމަޖެންސީކޮށް ފްލައިޓް ވަނީ ޖައްސައިފަ އެވެ. ޖެއްސުމަށް ފަހު އޭނާ މަރުވި ގޮތް ތަހުގީގެ ކުރުމަށް ހަށިގަނޑުގެ އޮޓޮޕްސީިއެއް ވަނީ ހައްދައިފަ އެވެ.
އުޑޯގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓްތަކުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ ޑްރަގް އޯވަޑޯޒް ވެގެންނެވެ. ޑޮކްޓަރު ބުނާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ ކޮކެއިން ހުރި ކަމަށް ބެލެވޭ 246 ރަބަރު ޕެކެޓް ފެނިފަ އެވެ. އެހެންކަމުން މިއީ ދިރުވާލައިގެން ޑްރަގް އެތެރެކުރަން އުޅުނު މީހެއް ކަމަށް ޔަގީންކުރެވެ އެވެ.
އުޑޯގެ ބަނޑުންނާއި ގޮހޮރުން ނަގާފައިވާ ޕެކެޓްތަކުގެ ދިގު މިނުގައި 2.5 ސެންޓިމީޓަރު ހުރި އިރު ފުޅާ މިނަކީ އެއް ސެންޓި މީޓަރެވެ.
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް މިއީ ވެސް ގިނަ ބަޔަކު އެ ވިޔަފާރީގައި ބޭނުންކުރާ އުކުޅެކެވެ.