28 މެއި 2019 - 10:38

ލަންޑަން (މެއި 28) - ފުޓްބޯޅައިގެ އެންމެ އަގުބޮޑު މެޗުގެ ގޮތުގައި މަޝްހޫރުވެފައިވާ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕްލޭއޮފް ފައިނަލުގައި ޑާބީ ކައުންޓީގެ މައްޗަށް 2-1 އިން ކުރިހޯދައި އެސްޓަން ވިލާ އަލުން އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ.

ޕްލޭއޮފް ފައިނަލަކީ ދުނިޔޭގެ ފުޓްބޯޅައިގައި ކުޅޭ އެންމެ އަގު ބޮޑު މެޗެވެ. މޮޅުވާ ޓީމަކަށް ލިބޭ އާމްދަނީ އުޅޭނެ ކަމަށް ކުރިން ބެލެވުނީ 170 މިލިއަން ޕައުންޑްގަ (216 މިލިއަން ޑޮލަރު) އެވެ. އެއީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. އެކަމަކު އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ އެކި އާމްދަނީތަކުގެ ސަބަބުން ރޭގެ މެޗުގެ އަގު 200 މިލިއަން ޕައުންޑް (253 މިލިއަން ޑޮލަރު) އަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދާފައިވަނީ އެސްޓަން ވިލާގެ އިތުރުން ޝެފީލްޑް ޔުނައިޓެޑާއި ނޯވިޗް ސިޓީ އެވެ. މިދިޔަ އަހަރުގެ ޕްލޭއޮފް ފައިނަލުން ފުލަމް އަތުން ބަލިވި އެސްޓަން ވިލާ ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ރޭ ކުޅުނު މެޗުގެ 44 ވަނަ މިނިޓްގައި އެސްޓަން ވިލާ އަށް ލީޑުނަގައިދިނީ މީގެ ކުރިން އަޔަކްސް އަށް މޮޅު ކުޅުމެއް ދެއްކި ނެދަލެންޑްސް ގައުމީ ޓީމުގެ ވިންގް އަންވަރު އެލް-ގާޒީ އެވެ. އޭނާ އެސްޓަން ވިލާ އަށް ކުޅެމުން އަންނަނީ ފްރާންސްގެ ލިއްލޭގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ވެސް އެސްޓަން ވިލާ އިން ދިޔައީ ޑާބީގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 59 ވަނަ މިނިޓްގައި އެސްޓަން ވިލާ އިން ލީޑުފުޅާކުރުމެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ޖޯން މެކްގިން އެވެ.
ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޑާބީން މެޗުގައި ލަނޑެއް ޖަހަން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ މާޓިން ވޭގަން އެވެ. ފަހުން ނަތީޖާ ހަމަހަމަކުރަން ޑާބީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ޗެލްސީގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް ލަމްޕާޑް އެ މަގާމާ ހަވާލުވާނެ ކަމަށް އިނގިރޭސި މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ރޭގެ މެޗަށް ފަހު ލަމްޕާޑް ބުނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން އިތުރު އެއްވެސް ބަޔަކާ އަދި ވާހަކަ ދައްކާފައިނުވާ ކަމަށެވެ.
"އިތުރު އެހެން ކްލަބަކާ އަހަރެން މަޝްވަރާއެއް ނުކުރަން. ޑާބީގެ މެނޭޖްމަންޓާ އަހަރެން މަޝްވަރާކުރާނަން. މަޝްވަރާކުރުން މުހިއްމީ އަހަރެމެން އަންނަ ސީޒަނުގައި ވާދަކުރާނެ ގޮތެއް ހޯދަން، އަހަރެން މި ކްލަބް ދޫކޮށްލާކަށް ނޫން،" ލަމްޕާޑް ބުންޏެވެ.
ކުރިން ޕްރިމިއާ ލީގުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އެސްޓަން ވިލާ ރެލިގޭޓްވީ މީގެ ތިން އަހަރު ކުރިންނެވެ. ޕްލޭއޮފް ފައިނަލުން އެސްޓަން ވިލާ ޖާގަ ހޯދީ ވެސްޓް ބްރޮމް އަތުން މޮޅުވުމަށް ފަހު އެވެ. ވެސްޓް ބްރޮމްގެ މައްޗަށް އެސްޓަން ވިލާ އިން ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
އެސްޓަން ވިލާގެ އެސިސްޓަން ކޯޗު ޖޯން ޓެރީ ބުނީ އަލުން ޕްރިމިއާ ލީގަށް އެ ޓީމު ގެންދެވުމަކީ އޭނާ މިދިޔަ އަހަރު ވެސް ކަނޑައެޅި ޓާގެޓެއް ކަމަށާއި އެއް އަހަރު ފަހުން އެކަން ހާސިލްވި ނަމަވެސް ފަރުވާލެއްނެތް ކަމަށެވެ. އަދި ބޭނުންވަނީ އެސްޓަން ވިލާ ކުރިން އޮތްގޮތަށް ޕްރިމިއާ ލީގުގެ ކްލަބެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ބުންޏެވެ.