ރައްކާތެރިކަމުގެ ޔަގީންކަން 99 ޕަސެންޓަށް އެބަ އޮތް: ސިރިސޭނާ
ރައްކާތެރިކަމުގެ ޔަގީންކަން 99 ޕަސެންޓަށް އެބަ އޮތް: ސިރިސޭނާ

ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ގައުމަށް އަމާންކަމާއި ރައްކާތެރިކަން ގެނެވިފައިވާ ކަމަށާއި އެ ޔަގީންކަން 99 ޕަސެންޓަށް އެބަ އޮތް ކަމަށް ރައީސް މައިތިރްޕަލާ ސިރިސޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ މި ޔަގީންކަން ދެއްވީ ލަންކާގައި ތިއްބަވާ ބޭރުގެ ބައެއް ޑިޕްލޮމޭޓުންނާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.

ރައީސް އޮފީހުގެ މީޑިއާ ޑިވިޝަނުން ބުނީ އިނގިރޭސި ވިލާތް، އެމެރިކާ، ކެނެޑާ، ޖަޕާން، ޖާމަނީ، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ އިއްތިހާދުގެ އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުން، ރައީސްގެ ގެކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ކަމަށެވެ.

މި ބޭފުޅުންގެ އަރިހުން ސިރިސޭނާ އެދިވަޑައިގަތީ ލަންކާގައި ރައްކާތެރިކަން ގާއިމުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި، ލަންކާ އަށް ދަތުރު ނުކުރަން އެދި ނެރެފައިވާ އެޑްވައިޒަރީތައް އުވާލުމަށެވެ.

އެތައް ބަޔަކު މަރުވި ހަމަލާތަކަށް ފަހު ލަންކާގައި ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް ވަނީ މަސް ދުވަހަށް އިތުރުކޮށްފަ އެވެ. މިކަމަށް އިޝާރާތް ކުރައްވައި ސިރިސޭނާ ވިދާޅުވީ އެކަން ކުރަން ޖެހުނީ ރައްކާތެރިކަމުގެ ޔަގީންކަން ނެތުމުން ނޫން ކަމަށާއި ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސިރިސޭނާގެ އެދިވަޑައިގަތުމާ އެއްގޮތަށް، ގައުމުތަކުން ވަގުތުން ފިޔަވަޅު އަޅަން ފަށާނެ ކަމުގެ ޔަގީންކަން ޑިޕްލޮމޭޓުން ވަނީ ދެއްވައިފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ ބައެއް ފައްޅިތަކާއި ބައެއް ހޮޓާތަކަށް، ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ހަމަލާ ދިން މީހުން ހޯދައި، ތުހުމަތުކުރެވޭ އެތައް ސަތޭކަ ބަޔަކު ވަނީ އޭގެ ފަހުން ހައްޔަރުކޮށްފަ އެވެ.