05 ސެޕްޓެމްބަރ 2016 - 15:05

ބްރެސީލިއާ (ސެޕްޓެމްބަރު 5) - ބްރެޒިލްގެ ވެރިކަމުން ދުރުކުރި ދިލްމާ ރޫސެފް އަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން އެތައް ހާސް ބަޔަކު އިއްޔެ މަގުތަކަށް ނުކުމެއްޖެ އެވެ.

ބްރެޒިލްގެ ސެނެޓުން އިތުބާރު ނެތް ކަމަށް ފާސްކޮށް ރޫސެފް މަގާމުން ދުރުކުރުމާ އެކު ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިޝޭލް ޓެމާއާ ދެކޮޅަށް ސައޮ ޕޯލޯގައި އެކަނިވެސް ވަނީ ރެކޯޑް އަދަދެއް ކަމަށްވާ ލައްކައެއްހާ މީހުން ނުކުމެފަ އެވެ. މުޒާހަރާ ފެށިގެން ދިޔައީ ސުލްހަވެރިކަމާ އެކު އެވެ. ނަމަވެސް ފުލުހުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އަދި ޕްރެޝަރުގައި ފެން ޖަހައިފަ އެވެ. ފުލުހުންނާ ދިމާލަށް ބައެއް މީހުން ވަނީ ފުޅި އާއި ގާ އުކައިފަ އެވެ. އަދި ފުލުހުންގެ ބެރިކޭޑުގައި ވަނީ އަލިފާން ރޯކޮށްލައިފަ އެވެ.

މުޒާހަރާ އަށް ނުކުތް މީހުން ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ގޮވާލައިފަ އެވެ.
"ބަޣާވާތް ކުރި ނަމަވެސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި. އަހަރެމެން މަގުތަކަށް ނުކުމެ މިތިބީ ސަރުކާރު ބަދަލުކޮށް އާ އިންތިޚާބަކަށް ގޮވާލަން،" ސައޮ ޕޯލޯގައި މުޒާހަރާ އަށް ނުކުތް ގުސްތާވޯ އަމިގޯ ބުންޏެވެ.
ޓެމާ ވިދާޅުވީ ވެރިކަމާ ދެކޮޅަށް ނުކުތީ މަދު ބައެއް ކަމަށާއި އަދި ރައްޔިތުންގެ ގިނަ ބަޔަކު އޮތީ ސަރުކާރުގެ ފަހަތުގައި ކަމަށެވެ. ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ އަށް ވަޑައިގެން އުޅުއްވާ ޓެމާ ވިދާޅުވީ ބްރެޒިލްގެ 204 މިލިއަން އާބާދީގެ ތެރޭން އެއީ ކުޑަ މިންވަރެއް ކަމަށެވެ.
ބްރެޒިލްގެ ސެނެޓުން ރޫސެފް މިދިޔަ ހަފުތާގައި މަގާމުން ދުރުކުރުމާ އެކު ވާތު ފިޔައިގެ ވޯކާސް ޕާޓީގެ 13 އަހަރުގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. ރޫސެފް ވިދާޅުވީ އެކަމަނާއާ ދެކޮޅަށް ސެނެޓުގެ ތެރޭން ބަޣާވާތެއް ގެނެސްފައިވާ ކަމަށެވެ.
ބްރެޒިލްގެ ވެރިކަމުގައި މިހާރު ހުންނެވި ޓެމާ އަކީ ރޫސެފް އާއި އެކަމަނާގެ ކުރިން ވެރިކަމުގައި ހުންނެވި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ނައިބަކަށް ހުންނެވި ބޭފުޅެކެވެ. ރޫސެފް މިދިޔަ މެއި މަހު ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތީ ވެސް ޓެމާ އެވެ. ބްރެޒިލްގައި 2018 ވަނަ އަހަރު އިންތިޚާބު ބާއްވަން ދެން ޓެމާ ވެރިކަމުގައި ހުންނަވާނެ އެވެ.