28 މެއި 2019 - 00:23

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް އެމްޑީޕީން މިރޭ ނިންމި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ނިންމި އީވާ އަބްދުﷲ އަށް، އެ ޕާޓީގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
މަރުހަބާ ވިދާޅުވެ ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި އާ މަޖިލީހާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ ރައީސް މިރޭ ޓްވީޓް ކުރައްވާފައިވާއިރު ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ދުވަސް ވަރު ވެސް ރައީސް ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް މީހާ ކަމަށް ވިދާޅުވެފަ އެވެ.
އެ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ މީހަކު ރައީސްކަމުގެ މަގާމުގައި ހުރެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މީހަކީ ރައީސެވެ.
ޕާޓީގެ އެންމެ އިސް މީހާކަމަށް ރައީސް މިރޭ ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ ބަހުސް ހޫނުވެ އެމްޑީޕީ ތެރެ އޮތީ ވަރަށް ބޮޑަށް ދެ ބަސްވެފަ އެވެ. މަޖިލީހުގެ ރައީސަކަށް ގެނައުމަށް ރައީސް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަދި ކުރިން ތ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ހަސަން އަފީފެވެ. ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހަންމަދު އަސްލަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ގެނައުމަށް ނިންމީ އެ މަގާމަށް އެންމެ ވާދަ ކުރެއްވި އަފީފާއި އަސްލަމް އެގޮތަށް މިރޭ ހުށަހެޅުއްވުމުންނެވެ. އެ ބޭފުޅުން ވިދާޅުވީ މަސްލަހަތަށް ވިސްނާފައި އެންމެ ރަނގަޅު ގޮތަކީ ނަޝީދު އެ މަގާމަށް ވަޑައިގަތުން ކަމަށެވެ.