27 މެއި 2019 - 23:56

މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދެ ގެއެއް ބަލައި ފާސްކޮށް 37 މީހަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަންގައި ގ. ޕެލިކަން ގެއިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 11 ދިވެހި ފިރިހެނުންނާއި 21 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގ. މެމޯރީ ވިލާއިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ގެންދިއުމުން ކުޑަ ދެ ކުދިން ފިޔަވާ އިތުރު މީހުންގެ ބަންދަށް ތިން ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ކުޑަ ދެ ކުދިން ބަދަލު ކޮށްފައި ވަނީ ގޭ ބަންދަށެވެ.
އެ ދެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 81 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި އެ ދެ ގެއަކީ ވެސް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް އިލެކްޓްރިކް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ދެ ގެ ކަމަށެވެ. އަދި އެ ދެ ގޭގައި ވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން ކުރެވޭނެ އިންތިޒާމް ހަމައްސައިދީފައި ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކަމުގައި ކުޑަ ކުދިންނާއި އަންހެނުން ބައިވެރި ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.