27 މެއި 2019 - 21:34

ނަޝީދު: އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް. ބައެއް ފަހަރު ނޭދެވޭ ވާހަކަތައް ވެސް އިވޭނެ. ހުރިހާ ބޭފުޅުންގެ ވެސް އަމާޒަކަށް ވާންވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް.

ނަޝީދު: މަޖިލިސް ފެނިގެން ދާނީ ގަވައިދާ އެއްގޮތަށް. އަދި މަޖިލިސް ހިނގަމުން ދާނީ ގިނަ ޕާޓީތައް ތަމްސީލު ކުރެވޭ ގޮތަށް. އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް ކުރެވިގެނެއް ނުދާނެ.

ނަޝީދު: އުނދަގު އަދި ދަތި ނަމަވެސް އެބޭފުޅުންގެ އެދިވަޑައިގަތުން ގަބޫލު ކުރަން ޖެހުނީ. މަޖިލިސް ހިނގަމުން ދާނީ ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީއާ އެއްގޮތަށް. ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ 19 ވަނަ މަޖިލިސް ވެގެންދާނީ ތަފާތު މަޖިލީހަކަށް.

ރައިސް ނަޝީދު މީޑިއާއާ ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ހުވާ ކުރެއްވުން އޮންނާނީ މާދަމާ ރޭ. ހުވާ ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުން ވެސް މާދަމާ ރޭ އޮންނާނެ.

މިރޭގެ ބައްދަލުވުންތައް ނިމިގެން މިދިޔައީ ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ހިލާފަށް، އަދި އިވެމުން ދިޔަ އަޑުތަކާ ވެސް ހިލާފަށް. މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު އެއްވެސް ވަރަކަށް ކެމްޕޭން ކުރައްވާފައެއް ނުވޭ. އޭގެ ބަދަލުގައި އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަސްލަމާއި އަފީފު ގެންދެވީ ވާދަވެރި އިންތިހާބެއް ކުރައްވަމުން.
ބައްދަލުވުން ނިންމާލައިފި.
އީވާ އާއި ރައީސް ނަޝީދަކީ ދެބޭންގެ ދެދަރިބޭފުޅުން. އީވާގެ ނަން ވެސް ފާސްވީ އިއްތިފާގުން.
އީވާގެ ނަން ފާސްވެއްޖެ. އީވާ ފިޔަވައި އެހެން ބޭފުޅަކު މި މަގާމަށް ވާދައެއް ނުކުރައްވާ.
ދެން އޮތީ ނައިބު ރައީސްގެ ވޯޓު. އިމްތިޔާޒު ފަހުމީ ހުށަހެޅުއްވީ އީވާގެ ނަން. އެ ނަމަށް އިލްޔާސް ލަބީބު ވަނީ ތާއީދު ކުރައްވައިފި
މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ހަމައެކަނި ނަޝީދު. ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން އެ ނަން ފާސްވެއްޖެ. އެހެންވެ، ކުރިއަށް އޮތް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނީ ރައީސް ނަޝީދުކަން މިހާރު ވަނީ ޔަގީންވެފައި.
ރިޔާސަތުން ނަޝީދު ދުރަށް ވަޑައިގެން، ރިޔާސަތާ ހަވާލުވެ ވަޑައިގަތީ ހަސަން ލަތީފު
ރައީސް ނަޝީދު: އަޅުގަނޑުމެން އެންމެންނަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ވައުދުވެގެން އައި ބައެއް. އެހެންވެ، ތިޔަ ބޭފުޅުންގެ ހުށަހެޅުން އަޅުގަނޑު ގަބޫލުކުރަން
ފޯން ކޯލަށް ފަހު އެނބުރި ރިޔާސަތަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ މިއީ ހަގީގަތުގައި ވެސް މިރޭ މިކަން ވާން އޮތް ގޮތް ނޫން ކަމަށް.
ރައީސް ނަޝީދުގެ ނަންފުޅު ހުށަހެޅުމާ އެކު، ވަރަށް ގާތްބޭފުޅަކަށް ގުޅުއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރިޔާސަތުން ވަޑައިގެންފައި. އަދި ފޯން ކޯލު އެބަ ކުރައްވާ
އަފީފު: އަޅުގަނޑު އާދޭހާ އެކު ދަންނަވަން މަނިކުފާނު (ރައީސް ނަޝީދު) މިކަން ގަބޫލުފުޅު ކުރެއްވުން. އަޅުގަނޑަށް ތާއީދު ކުރައްވާ މެމްބަރުންނަށް މާފާ އެކު ދަންނަވަން. މިކަމައިގެން ކުރިއަށް ދެވޭނެ ކަމަށް މި ފެންނަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަމަށް ވާތީ އަޅުގަނޑުގެ މި ހުށަހެޅުން ގަބޫލުފުޅު ކުރެއްވުން އެދެން.
އަފީފު: އަޅުގަނޑާ އަސްލަމާ ވަރަށް ބޮޑަށް ވާހަކަ ދެކެވި އަޅުގަނޑުމެން މި އެދެނީ ރައީސް ނަޝީދު އެކަން ގަބޫލުފުޅު ކުރައްވަން. އަޅުގަނޑުމެން މި ވިސްނަނީ ޕާޓީ އެކަންޏަކަށް ނޫން. މުޅި ގައުމަށް. އެޖެންޑާ 19 މި އައީ ގައުމަކަށް ވަރަށް ގިނަ ކަންކަން ދައްކަމުން.
ރައީސް ނަޝީދު: އަޅުގަނޑުގެ ނަމަށް ތަނާޒިލް
އަސްލަމް: އަޅުގަނޑު މިގޮތަށް ހުށަހެޅީ އަޅުގަނޑާ ވާދަކުރެއްވި އަފީފު ވެސް އެގޮތަށް ތާއީދުކުރެއްވީމަ.
އަސްލަމް: ޕާޓީއާ ނުގުޅޭ އެހެން ޕާޓީތަކުގެ މީހުން ވެސް މީގެ ތެރެއަށް ވަދެއްޖެ. ސާޅީސް ތިން މެމްބަރަކު ވަނީ އަޅުގަނޑަށް ތާއީދު ކުރަން ވަނީ ނިންމާފައި. އަޅުގަނޑަށް ވަރަށް މުހިންމު މަޖިލީހުގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލައްވަން. އެހެންވެ އަޅުގަނޑަށް ރަނގަޅީ ރައީސް ނަޝީދުގެ ނަންފުޅު ހުށަހަޅަން.
މަޖިލީހުގެ ރައީސް ކަމަށް އަސްލަމްގެ ނަން އީވާ ހުށަހަޅުއްވައިފި. އަދި އެ ނަމަށް އިލްޔާސް ލަބީބު ތާއީދު ކުރައްވައިފި
ރައީސް ނަޝީދު: ދެން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް ހުށަހެޅުން.
ރައީސް ނަޝީދު: ވޯޓު ހާމަކޮށް ލާން ވޯޓު ލިބިއްޖެ.
ރައީސް ނަޝީދު: ވިޕް ލައިނެއް އަޅަން ފެނޭތޯ ބެލުމަށް ވޯޓު ނަގައިފި. މީގެ މާނައަކީ މި ބައްދަލުވުމުގައި ވިޕް ލައިނެއް ކަމަށް ފާސްވެއްޖެ ނަމަ ދެން އޮންނާނީ ސިއްރު ވޯޓެއްތޯ ނުވަނަ ނޫންތޯ ވޯޓު ނަގަން.
ރައީސް ނަޝީދު: ފުރަތަމަ އޮތީ ވިޕްލައިނެއް އަޅާނެތޯ ނުވަތަ ނޫންތޯ. މި ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތީ 64 މެމްބަރުން.
ރައީސް ނަޝީދު: މިރޭގެ ޖަލްސާގައި މެމްބަރުން ވާހަކަ ދެއްކުމެއް ނެތް.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުން ފަށައިފި. ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދު. އެމަނިކުފާނު ވިދާޅުވީ ޕާޓީން އަމަލުކުރާ ގޮތަކީ މިރޭ ތިން ކަމަކަށް ވޯޓަށް އަހާނެ ކަމަށް. އޭގެ ތެރެއިން އެއް ކަމަކީ ވިޕްލައިނެއް އަޅަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށް.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މީޑިއާ އަށް ވިދާޅުވީ އޭނާ ވޯޓު ދެއްވާނީ އަފީފަށް ކަމަށް. އަދި އޭނާ ވިދާޅުވީ އަސްލަމް އާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި ކަންކަމުގައި ލީޑަޝިޕް ނެގުން އެހާ ރަނގަޅު ނޫން ކަމަށް. އެހެންވެ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ވިސްނުންފުޅާ އެކު ވޯޓު ދެއްވާނީ އަފީފަށް ކަމަށް އޭނާ ވިދާޅުވި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އެމްޑީޕީގެ ގިނަ މެމްބަރުން މިހާރު ވަނީ ދަރުބާރުގެ އަށް ވަޑައިގެންފައި. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ މީޑިއާއާ ވާހަކަ ދައްކައިފައި. ދަރުބާރުގޭގެ ބޭރުގައި ތިބި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގޮވަމުން ދަނީ ރައިސް ނަޝީދު ބޭނުންފުޅުވާ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރަން ވޯޓު ދިނުމަށް.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ބައްދަލުވުން ދަރުބާރުގޭގައި ފެށުމަށް ތައްޔާރު ވަމުން އެބަ ގެންދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ރައީސް ކަމަށް އެމްޑީޕީން އެންމެ ބޮޑަށް ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހަންމަދު އަސްލަމާއި ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަދި ކުރިން ތ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ހަސަން އަފީފެވެ. މިރޭ ވޯޓު ނަގަން ހަމަޖެހިފައި ވަނީ އަތް އުފުލައިގެންނެވެ.
އަސްލަމް މި މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދުގެ ތާއީދާ އެކު އެވެ. އަަފީފު ކުރިމަތިލައްވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ތާއީދާ އެކު އެވެ. އެހެންވެ، މިއީ ވަރަށް ވާދަވެރި ވޯޓަަކަށް ވާނެ އެވެ.
މި ބައްދަލުވުން ފެށުމުގެ މާ ކުރިން ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ދަރުބާރުގޭގެ ސަރަހައްދަށް އެއްވެފަ އެވެ.