ޖާނީ ވޯލްޑަށް ދިން ބިން ހުސްކުރަން އިތުރު ފުރުސަތު ދެވޭކަށް ނެތް: ކޯޓު
ޖާނީ ވޯލްޑަށް ދިން ބިން ހުސްކުރަން އިތުރު ފުރުސަތު ދެވޭކަށް ނެތް: ކޯޓު

ކ. ހިންމަފުށީގައި ސްލިޕްވޭއެއް ހެދުމަށް، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ ކުރިން އޮންނަ ޖާނީ ވޯލްޑް މޯލްޑިވްސް އަށް ކުރިން ދިން ބިން ހުސްކުރަން އިތުރު ފުރުސަތު ދޭން އެ ރަށު ކައުންސިލްގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސްލިޕްވޭ އެއް ހަދަން ހިންމަފުށިން ޖާނީ ވޯލްޑަށް ސަރުކާރުން 2003 ގައި ދޫކުރި ބިމުން ފޭބުމަށާއި އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން އެ ރަށު ކޯޓުން 2014 ގައި ވަނީ އަމުރުކޮށްފަ އެވެ.

ކޯޓުން ކުރި ހުކުމާ އެކު ޖާނީ ވޯލްޑުން ބިން ދޫކޮށްލިއިރު އެތަނުގައި ހުރި މުދާ ގެންދަން އިތުރު ފުރުސަތެއް ދޭން ހިންމަފުށީ ކައުންސިލަށް އަމުރުކޮށްދޭން އެދި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ އެގޮތަށް އަމުރުކޮށްދެވެން ނެތް ކަމަށެވެ.

ހުކުމުގައިވަނީ މުދާތައް ގެންދަން ޖާނީ ވޯލްޑަށް އެކަށީގެންވާ ފުރުސަތު ދެވުނުއިރު ވެސް އެތަނުގައި މިހާރު ހުރި ތަކެއްޗަކީ އެ ކުންފުނިން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެކަމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ބިމު ކުލި ނުދައްކާތީ، އެ ބިމުން ފައިބަން ހިންމަފުށީ ކައުންސިލުން ފުރަތަމަ އެންގުމުން ވެސް އެ އެންގުމަށް އަމަލު ނުކޮށް ވަނިކޮށް އެ ބިމުން ފައިބަން 2014 ގައި ކޯޓުން އަމުރުކުރީ އެ މައްސަލަ އެެރަށު ކައުންސިލުން ކޯޓަށް ހުށަހެޅުމުންނެވެ.

ހިންމަފުށީ ކައުންސިލުން އޭރު ބުނެފައިވާ ގޮތުގައި އެ ބިމުގެ ބަދަލުގައި 2007 ގައި ކ. ތިލަފުށިން ޖާނީ ވޯލްޑަށް ބިމެއް ސަރުކާރުން އޮތީ ދީފަ އެވެ. އެކަމަކު ވެސް ހިންމަފުށިން ދޫކުރި ބިން އެ ކުންފުނިން ބޭޭނުންކުރާ ކަމަށް ކައުންސިލުން އޭރު ބުނެފައިވެ އެވެ.