ފޯޑުން ޑެލިވަރީގެ ހިދުމަތަށް ރޮބޮޓެއް ޓެސްޓް ކުރަން ފަށައިފި
ފޯޑުން ޑެލިވަރީގެ ހިދުމަތަށް ރޮބޮޓެއް ޓެސްޓް ކުރަން ފަށައިފި

މަޝްހޫރު ފޯޑް މޮޓޯ ކޮމްޕެނީ އަކީ ކާރު އުފެއްދުމަށް މަޝްހޫރު އެމެރިކާގެ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވަނީ ޑެލިވަރީގެ ހިދުމަތަށް ހާއްސަކޮށްގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ރޮބޮޓެއް ޓެސްޓްކުރަން ފަށައިފި އެވެ.

"ޑިޖިޓް" ގެ ނަން ދީފައިވާ މި ރޮބަޓަކީ އިންސާނަކާ ދާދި އެއްކަހަލަ ގޮތަކަށް ހިނގާފައި ގޮސް ޑެލިވަރީ ފޯރުކޮށްދޭން ޖެހޭ އެޑްރެހަކަށް ގެންގޮސް ދޭނެ އެއްޗެކެވެ. އެގޮތުން ފޯޑް މެދުވެރިކޮށް ކަސްޓަމަރުން ގަންނަ މުދާތަކުގެ ތެރެއިން 18 ކިލޯ އަށް ވުރެ ބަރު ނޫން އެއްޗެހި "ޑިޖިޓް" ކަސްޓަމަރުންގެ ގޭގެ ދޮރާ ހަމައަށް ގެންގޮސް ދޭނެ އެވެ.

މި ރޮބޮޓް ފޯޑުން ތައްޔާރުކޮށްފައި ވަނީ އެޖިލިޓީ ރޮބޮޓިކްސްއާ ގުޅިގެންނެވެ.

ޑެލިވަރީގެ ހިދުމަތަށް ފޯޑުން ރޮބޮޓެއް ޓެސްޓް ކުރަން ފެށި އިރު އެ ކުންފުނިން މިހާރު ވެސް އަންނަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި "ސެލްފް-ޑްރައިވިން" ކާރު ބޭނުން ކުރަމުންނެވެ. އެކަމަކު ރޮބޮޓެއް މަސައްކަތަށް ނެރެ ޓެސްޓްކުރަން ފެށީ ކާރުން ދޭ ހިދުމަތަށް ވުރެ ގާތްކޮށް، އަދި ފަސޭހަކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެތީ އެވެ.

"ސެލްފް ޑްރައިވިން ކާރުގައި ހިދުމަތް ދޭ އިރު، ކަސްޓަމަރުންނަށް އެބަ މިހާރު ކާރު މަޑުކުރާ ތަނަށް ގޮސް ޓަޗްޕެޑުން ކޯޑް އެންޓާކޮށް އޯޑަރާ ހަވާލުވާން. އެކަމަކު ރޮބޮޓްގެ ހާއްސަ ކަމަކީ ގޭގެ ދޮރާ ހަމައަށް މުދާ ފޯރުކޮށްދޭތީ،" ފޯޑުން ބުންޏެވެ.

އެހެންވެ ފޯޑުން ގަބޫލުކުރާ ގޮތުގައި ޑެލިވަރީ ހިދުމަތުގެ މުސްތަގުބަލަކީ ރޮބޮޓެވެ. އެކަމަކު އަލަށް ބޭނުން ކުރި ފެށި ރޮބޮޓް "ޑިޖިޓް" ގެ އެހީގައި ވިޔަފާރި އުސޫލުން ޑެލިވަރީގެ ހިދުމަތް ދޭނެތޯ ފޯޑުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ޓެކްނޮލޮޖީގެ މިފަދަ ހިދުމަތްތައް ފޯޑުން ތަޖުރިބާ ކުރަން ބޭނުންވާ އެއް ސަބަބަކީ ހަރަދު ކުޑަކުރުމެވެ. ހިދުމަތްތައް ރޮބޮޓިކްވެގެން ދިއުމަކީ މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދުތައް ވެސް ކުޑަކުރެވި، މުވައްޒަފުންގެ އަދަދު ވެސް މަދު ކުރެވޭނެ އެވެ.