27 މެއި 2019 - 13:50

ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީ އަށް އަންގައިފި އެވެ.
ބްރޯޑްކޮމް އިން ބުނީ ސަންގު ޓީވީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޮނުވި ޑްރާމާ ސިލްސިލާ "ރޯހާ ފުއްޓަރު" ގައި މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ ބަދު އަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ އެ ކަން ބަލަމުން އަންނަ ކަމަށެވެ.
ޑްރާމާ ސިލްސިލާގެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭ ކަމަށާއި އެކަމަކު، ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން ނުވަތަ ނޫން ކަން އަދި ނިންމާފައި ނުވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ސަންގު ޓީވީ އަށް ވަނީ އަންގައިފަ އެވެ. އަދި މި ޑްރާމާ އަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާތީ ސުލޫކީ މިންގަނޑާ އެއްގޮތަށް އެ ދެއްކުމަށް ވަނީ އަންގައިފަ އެވެ.
ބްރޯޑްކޮމް އަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ސަންގު ޓީވީން އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ. އަދި ޖަވާބުދާރީ ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ވަނީ އަންގައިފަ އެވެ.