ފައިސާ އަށް ކްލަބް ބަދަލުނުކުރާނަން: ގްރީޒްމަން
ފައިސާ އަށް ކްލަބް ބަދަލުނުކުރާނަން: ގްރީޒްމަން

މެޑްރިޑް (ސެޕްޓެމްބަރު 5) - ފައިސާ އަށް ކްލަބް ބަދަލުނުކުރާނެ ކަމަށާއި އެތުލެޓިކޯ މެޑްރިޑްގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވުމަށް ފަހު އުމުރުން 25 އަހަރުގެ ގްރީޒްމަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ދާދި ފަހުން ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.

ގްރީޒްމަން ހޯދަން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ގަދަ ދެ ބާރު ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި މަސައްކަތްކޮށްފަ އެވެ.

"އަހަރެންނަކީ ފައިސާ އަށް ކްލަބް ބަދަލުކުރާނެ ކުޅުންތެރިއެއް ނޫން. ފުޓްބޯޅައިގައި އަހަރެން ހާސިލްކުރަން ބޭނުންވާ ކާމިޔާބީތައް އެތުލެޓިކޯގައި ހުރެގެން ވެސް ހޯދޭނެ،" ގްރީޒްމަން ބުންޏެވެ.

ގްރީޒްމަން ވަނީ މި އަހަރު އެތުލެޓިކޯއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭނާ ބުނީ އެތުލެޓިކޯގައި މަޑުކުރަން ނިންމީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އޮތް އިތުބާރެއްގެ ސަބަބުން ކަމަށެވެ.

"ސިމިއޯނީ އަކީ އަހަރެންގެ ކެރިއަރުގައި އެންމެ ބޮޑު ހިއްސާއެއް އޮތް ކޯޗު. އަހަރެން އެތުލެޓިކޯގައި މަޑުކުރި އެއް ސަބަބު ސިމިއޯނީ އަކީ. އޭނާ މި ކްލަބް ދޫކޮށްލަން ނިންމާ ހިސާބުން އަހަރެން ވެސް އެހެން ކްލަބަކަށް ބަދަލުވާން ވިސްނާނީ،" ގްރީޒްމަން ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް އެތުލެޓިކޯ ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ލީގުގެ 12 ވަނައިގަ އެވެ.