ބާސެލޯނާގެ ރައީސް، ކޯޗުގެ ދިފާއުގައި
ބާސެލޯނާގެ ރައީސް، ކޯޗުގެ ދިފާއުގައި

މެޑްރިޑް (މެއި 27) – ސްޕެނިޝް ކަޕުގެ ފައިނަލުން ބާސެލޯނާ ބަލިވުމުގައި ކޯޗު އާނެސްޓޯ ވަލްވާޑޭގެ ގޯހެއް ނެތް ކަމަށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

ބާޓޮމެއޫ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސެލޯނާ ކެޓުމުން ވެސް ކޯޗުގެ ދިފާއުގައި ވާހަކަދައްކަވައިފަ އެވެ.

"މި ބައްޔަކީ ކޯޗުގެ މައްސަލައެއް ނޫން. އަހަރެމެންނަށް މޮޅުވާން ވަރަށް ގިނަ ފުރުސަތު ލިބުނު. އެކަމަކު ބޯޅަ ގޯލުގެ އެތެރެއަށް ނުވަނީ. އަހަރެމެންނަށް މިތަނުގައި އަދި އެންފީލްޑުގައި މުހިއްމު މެޗުތަކުން ބަލިވީ. އޭގެ ސަބަބުން ދެ ތަށި ގެއްލުނީ،" ބާޓޮމެއޫ ވިދާޅުވި އެވެ. "ޖުމްލަކޮށް ސީޒަނުގައި ދިޔައީ ރަނގަޅަށް."

ވަރަށް ގިނަ ބަހުސްތަކަށް ފަހު ބާސެލޯނާ އިން ވަލްވާޑޭގެ ކޮންޓްރެކްޓް އާކުރީ މި އަހަރުގެ ކުރީކޮޅެވެ. އެއީ ރަނގަޅު ނިންމުމެއްކަމަށް ބެލެވުނީ ބާސެލޯނާ އިން ސީޒަނުގެ ތިން ތަށި ހޯދުމާ ގާތަށް ދިއުމުންނެވެ. އެކަމަކު ކާމިޔާބުކުރެވުނީ ސްޕެނިޝް ލީގު އެކަންޏެވެ.

"ވަލްވާޑޭގެ ކޮންޓްރެކްޓެއް އެބައޮތް. އޭނާ އަކީ މި ޓީމުގެ ކޯޗު. އެކަމަކު މިއީކީ އެ ވާހަކަތައް ދައްކަން އެކަށީގެންވާ ވަގުތެއް ނޫން. މިހާރު މި އަންނަނީ އަންނަ ސީޒަނަށް ޕްލޭންތައް ކުރަމުން،" ބާޓޮމެއޫ ވިދާޅުވި އެވެ.

ބާސެލޯނާގެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ޒަވީ އާއި އަންދްރޭ އިނިއެސްޓާ ދިޔަ ފަހުން އެ ޓީމަށް މެދުތެރެއަށް އަދިވެސް ރަނގަޅު ކުޅުންތެރިޔަކު ނުހޯދެ އެވެ. އެކަމަކު އަޔަކްސްގެ ހުނަރުވެރި މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންގް ގެނެސްފައިވާތީ އަންނަ ސީޒަނުގައި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.