ބީއެމްއެލް އިސްލާމިކުން އާ ހިދުމަތްތަކެއް ތައާރަފުކޮށްފި
ބީއެމްއެލް އިސްލާމިކުން އާ ހިދުމަތްތަކެއް ތައާރަފުކޮށްފި

ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް އިން އިތުރު ހިދުމަތްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

މި ހިދުމަތްތަކުގެ ތެރޭގައި ރީޓެއިލާސް ފައިނޭންސިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިން އާއި ލެޓާ އޮފް ކްރެޑިޓްގެ އިތުރުން ބޭންކް ގެރެންޓީގެ ހިދުމަތް ހިމެނެ އެވެ. މީގެ އިތުރުން ވިޔަފާރިވެރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިން އަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

މި ހިދުމަތްތައް ތައާރަފު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ކުންފުނިން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަފާތު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި މިއަދު ތައާރަފު ކުރި ހިދުމަތްތަކާ އެކު ބީއެމްއެލް އިސްލާމިކް އިން ވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

"ވިޔަފާރިތަކަށް ހާއްސަކޮށްގެން މިއަދު އަޅުގަނޑުމެން ތައާރަފު ކޮށްފައިވާ މި ޕްރޮޑަކްޓްތަކާއިއެކު ބީއެމްއެލް އިސްލާމިކުން، ބީއެމްއެލް ކޮންވެންޝަނަލުން ދޭ ހުރިހާ ބޭންކިން ހިދުމަތެއް އެއް ހަމައެއްގައި ލިބިގެންދާނެ. އެގޮތުން ކޮންވެންޝަނަލް ބޭންކިން އިން ދޭ ހުރިހާ ލޯނެއްވެސް ލިބިގެންދާނެ،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކުން މިއަދު ތައާރަފުކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން ރީޓެއިލާސް ފައިނޭންސަކީ ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުގެ ތެރެއިން މަހެއްގެ މައްޗަށް 50،000ރ. ލިބޭ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފު ކޮށްފައިވާ ހިދުމަތެކެވެ.

ބީއެމްއެލް އިސްލާމިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސް އަކީ ލުއި ވާނެހެން ރަހުނު ބަހައްޓައި ވިޔަފާރި ފުޅާ ކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، އާ މުދާ ހޯދުމަށް ބޭނުންވާ ފައިސާ ލިބޭ ހިދުމަތެކެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން ފަށާފައިވާ މި ހިދުމަތްތައް ކުރިއަށް ގެންދާނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ޝަރީއާގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.