27 މެއި 2019 - 12:23

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތް ބޭނުން ކުރަން ފަށައިފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ބަޖެޓް ސެކްޝަނާއި ޕްރޮކިއުމަންޓް ސެކްޝަނާއި ޕްރިންޓް ސެކްޝަން އާ އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިދާރީ ގިނަ ސެކްޝަންތައް އާ އިމާރާތަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި އާ އިމާރާތުގައި ހުންނާނީ އިދާރީ އޮފީސްތައް،" ޒިޔާއު ވިދާޅުވި އެވެ.
މީގެއިތުރުން ކޮމިޓީ ބައްދަލުވުންތަކަށް ހާއްސަ ކޮޓަރިތަކާއި މެމްބަރުން ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭނުން ނަމަ، އެކަމަށް ހާއްސަ ކޮޓަރި ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކުގައި މެމްބަރުން ބައްދަލުވުންތައް ބާއްވަން ބޭނުންވާ ނަމަ، އެކަމަށް ހާއްސަ ކޮޓަރިތަކެއް އާ އިމާރާތުގައި ހުންނާނެ. މެމްބަރުން ކުރިން ޖެހިވަޑައިގަންނަވާނީ ބުކް ކުރަން. ހުރިހާ މެމްބަރުންނަށް ވެސް އެ ތަންތަން ބޭނުން ކުރެވޭނެ،" ޒިޔާއު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ބާ އިމާރާތުގައި ހުންނާނީ މަޖިލިސް ކުރާ މާލަމާއި ކޮމިޓީތައް."
މިދިޔަ 18 ވަނަ ދައުރުގައި ކުރި މަސައްކަތާ ގުޅޭ ފޮތެއް ނެރުމަށާއި މަޖިލިހުގެ އާ ވެބްސައިޓް ދައްކައިލުމަށް ރޭ މަޖިލިހުގައި އޮތް ބައްދަލުވުން ވެސް އޮތީ އާ އިމާރާތުގަ އެވެ. މި ބައްދަލުވުމުގައި މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި 19 މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެކި ޕާޓީތަކުގެ ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީއެންސީސީ) އާ ހަވާލުކުރީ 2011 ސެޕްޓެމްބަރު 14 ގަ އެވެ. އާ އިމާރާތުގެ މަސައްކަތް، ހަވާލުކުރިތާ ހަތް އަހަރު ފަހުން ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މަޖިލިހުގެ އާ އިމާރާތް ބޭނުން ކުރަން ފެށި ކަމުގައިވިޔަސް، އެ ތަނަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދުމާއި ނެޓްވޯޓް އެޅުން ފަދަ ކަންކަން ކުރަން އަދިވެސް އެބަހުއްޓެވެ.