27 މެއި 2019 - 11:06

މިލާން (މެއި 27) – އިޓަލީގެ އެޓަލާންޓާ އިން އެ ކްލަބުގެ 112 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.
އެ ޓީމު ފުރުސަތު ހޯދީ ލީގުގެ ފަހު މެޗުގައި ރޭ ސަސުއޮލޯ އަތުން 3-1 އިން މޮޅުވެ 69 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ ހޯދައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ ރޭ އެމްޕޮލީ އަތުން 2-1 އިން މޮޅުވި އިންޓަ މިލާނެވެ. މުޅި ސީޒަނުގައި ތިން ވަނައިގައި އޮތް އިންޓަ ހަތަރު ވަނަ އަށް ވެއްޓުނީ 69 ޕޮއިންޓް ހޯދައި އެޓަލާންޓާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް އެކަމަކު ހެޑް-ޓު-ހެޑް އިން ކުރި ނުލިބުމުންނެވެ.
ޗެމްޕިއަން ޔުވެންޓަސް އާއި ދެ ވަނަ ނަޕޯލީ ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަތައް ކުރިން ކަށަވަރުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ޖާގަކައަށް މި ދެ ޓީމާ ދެން ވާދަކުރި އޭސީ މިލާނުން ރޭ ސްޕާލް އަތުން 3-2 އިން މޮޅުވި ނަމަވެސް އެޓަލާންޓާ އާއި އިންޓަގެ މެޗުތަކުން މޮޅުވުމުން މިލާނަށް ފުރުސަތު ނުލިބުނީ އެވެ. އެ ދެ ޓީމުގެ ތެރެއިން ޓީމެއް ރޭ އެއްވަރުވި ނަމަވެސް މިލާނަށް 2014 ގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުހީނެވެ.
މިލާން 68 ޕޮއިންޓާ އެކު ފަސް ވަނަ އަށް ގޮސް ޔުރޮޕާ ލީގުގައި ކުޅެން ޖެހުނުއިރު އެ މުބާރާތުގެ އަނެއް ޖާގަ ލިބުނީ ރޭ ޕާމާ އަތުން 2-1 އިން މޮޅުވެ، ލީގުގެ ހަ ވަނަ ހޯދި ރޯމާ އަށެވެ.
ޗެމްޕިއަންސް ލީގުން އެޓަލާންޓާ ޖާގަ ހޯދީ އާދައިގެ ސްކޮޑަކާ އެކު އެވެ. މިދިޔަ ދެ ތިން ސީޒަނުގައި އެ ޓީމުން ކޮންމެ އަހަރަކު ވެސް މުހިއްމު ކުޅުންތެރިން ވިއްކާލަ އެވެ. އެކަމަކު އާ ކުޅުންތެރިން ހޯދައި ކޯޗު ޖިއެމްޕިއޭރޯ ގަސްޕޭރީނީ ވަނީ ވަރުގަދަ ޓީމެއް ބިނާކޮށްފަ އެވެ.