ޖަލުތަކަށް 2000 ފޮތް ލިބުނު: ހޯމް މިނިސްޓްރީ
ޖަލުތަކަށް 2000 ފޮތް ލިބުނު: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޖަލަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން 2000 އަށް ވުރެ ގިނަ ފޮތް ލިބުނު ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެ ޕްރޮގްރާމް ނިމުނު ނަމަވެސް، އަދިވެސް މީހުން ފޮތް ހަދިޔާކުރަމުން އަންނަ ކަމަށެވެ. އަދި ފޮތް ހަދިޔާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ފޮތްތައް އުކާލުމުގެ ބަދަލުގައި ޖަލުތަކަށް ފޮތް ހަދިޔާކޮށް، ގައިދީން ރިހެބިލިޓޭޓް ކުރަން މިކުރާ މަސައްކަތުގައި އާންމުން ބައިވެރިވުން،" ހަފްސީ ވިދާޅުވި އެވެ.

އާންމުންނާއި ޖަމިއްޔާތަކުގެ އިތުރުން ސްކޫލްތަކާއި ޖަލުގައި ކުރިން ވަގުތު ހޭދަކުރި ބައެއް މީހުން ވެސް މި ޕްރޮގްރާމުގެ ދަށުން ފޮތް ހަދިޔާކުރި ކަމަށް ހަފްސީ ވިދާޅުވި އެވެ. މީގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މި ޕްރޮގްރާމުގެ ދަށުން ފޮތް ހަދިޔާ ކުރައްވާފަ އެވެ.

ޖަލުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ އެއްކަމެކެވެ. މަސައްކަތްކުރާ ގައިދީންނަށް ލިބޭ މުސާރަ ބޮޑުކުރަން މަސައްކަތްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.