ނުގަވައިދުން ކުށްވެރިއަކު ދޫކުރި އޮފިސަރަކު ސަސްޕެންޑު ކޮށްފި
ނުގަވައިދުން ކުށްވެރިއަކު ދޫކުރި އޮފިސަރަކު ސަސްޕެންޑު ކޮށްފި

ދޫކުރަން ނުޖެހޭ ކުށްވެރިއަކު ޖަލުން މިނިވަންކުރި މައްސަލައެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑު ކޮށްފައިވަނީ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ސްޓާފް ސާޖެންޓެކެވެ. އޭނާ އަކީ ކުށްވެރިން ދޫކުރަން ޗިޓް ހަދާ މީހާ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަނީ މިނިވަން ކުރަން ނުޖެހޭ މީހަކު މިދިޔަ ހަފުތާގެ ތެރޭގައި ދޫކުރުމަށް ޗިޓް ހަދާފަ އެވެ. އެ ޗިޓުގައި، އެ ޑިޕާޓްމަންޓުގެ ވެރިޔާ އާއި ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކުރެއްވުމަށް ފަހު އެ ކުށްވެރިޔާ މިނިވަން ވެސް ކުރި އެވެ. އެކަމަކު، އޭނާ މިނިވަންކުރެވުނީ އޮޅުމަކުން ކަން އެނގުމާ އެކު އަލުން ވަނީ ޖަލަށް ގެންގޮސްފަ އެވެ.

ކުށްވެރިޔާ ދޫކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރު ސަސްޕެންޑް ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަދި އޭނާއާ ދޭތެރޭ އިތުރު ފިޔަވަޅު އެޅުމަށް ވަނީ ޑިސިޕްލިނަރީ ބޯޑަށް ފޮނުވައިފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.