27 މެއި 2019 - 12:20

ކުރިއަށް އޮތް ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކުޅިވަރުގެ އެކި މަގާމުތަކުން މީީގެ ކުރިން ފެނުނު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.
ޒުވާން ކުޅުންތެރިންތަކަކާ އެކު ކުރިއަށް ސީޒަނަށް ތައްޔާރުވަމުން އަންނަ ވިކްޓަރީން މިހާރު އަންނަނީ މުހައްމަދު އާދަމްގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މުހައްމަދު، ވިކްޓަރީއާ ހަވާލުވުމުގެ ކުރިން އެ ޓީމުން ވަނީ އެހެން ކޯޗުންނާ ވެސް މަޝްވަރާކޮށްފަ އެވެ.
ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅެފައިވާ މުހައްމަދު ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގައި އަދި އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރައިފަ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައި ވެސް މީގެ ކުރިން މަސައްކަތްކޮށްފައިވާ މުހައްމަދު ވަނީ ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. ކުޅިވަރުގެ މަގާމަކުން އެންމެ ފަހުން މުހައްމަދު ފެނުނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ކަމުގައި ހުއްޓަ އެވެ.
ވިކްޓަރީން އަންނަނީ ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ ގޮތުން 17 އަހަރުން ދަށުގެ ޓީމެއް ވެސް އެކުލަވާލައިފަ އެވެ. އެ މަސައްކަތާ ހަވާލުވެ ހުރީ ޔޫތު ޓީމުތަކުގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވެސް މީގެ ކުރިން މަސައްކަތްކޮށްފައިވާ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
ވިކްޓަރީން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ނިންމާލީ 16 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ. ޖަޕާނުގެ މިޑްފީލްޑަރު ޝިމޯނޯ އަށް މުސާރަ ނުދީ އޮތް މައްސަަލައިގައި ފީފާގެ އެންގުމުގެ މަތިން ތިން ޕޮއިންޓް އުނިކުރިޔަސް ވިކްޓަރީގެ މަގާމަށް ބަދަލެއް ނާދެ އެވެ. އެއީ ނުވަ ވަނައިގައި އޮތް ބ. ފެހެންދޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓް ކަމަށްވާތީ އެވެ.
މާލީ އެކި މައްސަލަތަކާ ހުރެ ވިކްޓަރީ މިދިޔަ ސީޒަނުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އެ ގޮތުން ވިކްޓަރީ ދެ މެޗަކަށް ހާޒިރުނުވެ ވެސް ދިޔަ އެވެ. ވިކްޓަރީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެފްއޭއެމުން އެ ޓީމަށް ލޯނެއް ވެސް ދިނެވެ. ވިކްޓަރީ އަށް މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ކޯޗުކޮށްދިނީ ލާޒްލޯ ކިސް އެވެ. މުސާރަ މައްސަލައިގައި ކިސް ޓީމު ދޫކޮށްދިއުމުން ފަހުން ވަގުތީ ގޮތުން ވިކްޓަރީއާ ހަވާލުވީ މިހާރު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އެވެ.
ވިކްޓްރީ އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އެ ކްލަބާ ދާދި ފަހުން ހަވާލުވި އާ ޗެއަމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި މިއީ ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ އަދަދެވެ. ވިކްޓަރީން މިދިޔަ ސީޒަނުގައި ވަނީ ގިނަ ބިދޭސީ ކުޅުންތެރިންތަކެއް ވެސް އެ ޓީމަށް ގެނެސްފަ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިކްޓަރީން ބުނެ އެވެ.
ކުރިއަށް އޮތް ސީޒަނުގައި ވާދަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ޓީމެއް ވެސް އޭއެފްސީ ކްލަބް ލައިސަންސް ހޯދަން ޖެހޭގޮތަށް އެފްއޭއެމުން ވަނީ ގަވާއިދު ބަދަލުކޮށްފަ އެވެ. ކްލަބް ލައިސަންސް ހޯދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ފައިނޭންޝިއަލް ބައިގެ ހުރިހާ ކަމެއް ހަމަޖެހެން އޮތީ ފާއިތުވި ސީޒަނުގައި ކުޅުންތެރިންނަށް ނުދީ ހުރީ މުސާރައިގެ މައްސަލަތައް ހަމަޖައްސައިގެންނެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ވިކްޓަރީން އަންނަނީ މުސާރަ ދޭން ޖެހޭ ކުޅުންތެރިންނާ ބައްދަލުކޮށް އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރަމުންނެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ މަހު ހަ ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ބައްދަލުކުރާ ޝީލްޑް މެޗު ކުޅޭނީ ދެ ލެގަށެވެ. އެ އަށް ފަހު ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.