އެންމެ އަގުބޮޑު މެޗު ލަމްޕާޑަށް ވަރަށް ހާއްސަ
އެންމެ އަގުބޮޑު މެޗު ލަމްޕާޑަށް ވަރަށް ހާއްސަ

ލަންޑަން (މެއި 27) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް ފައިނަލަކީ އޭނާ އަށް ވަރަށް ހާއްސަ މެޗެއް ކަމަށް ޑާބީ ކައުންޓީގެ ކޯޗު އަދި ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޕްލޭއޮފް ފައިނަލަކީ ދުނިޔޭގެ ފުޓްބޯޅައިގައި ކުޅޭ އެންމެ އަގު ބޮޑު މެޗެވެ. މޮޅުވާ ޓީމަކަށް ލިބޭ އާމްދަނީ އުޅެނީ 170 މިލިއަން ޕައުންޑް (216 މިލިއަން ޑޮލަރު) އެވެ. އެއީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ.

މި ސީޒަނުގައި ޑާބީއާ ހަވާލުވެ ލަމްޕާޑް އަންނަނީ އެ ޓީމާ އެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ޑާބީ އަށް ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިދެވިއްޖެނަމަ އެއީ ކެރިއަރުގައި ހާސިލްކުރެވޭނެ އެންމެ ބޮޑު ކާމިޔާބީ އަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ލަމްޕާޑް ބުންޏެވެ.

"ޕްލޭއޮފް ފައިނަލްގެ ކާމިޔާބީއާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާ އަޅާކިޔައިފިނަމަ އަހަރެން ދައްކާ ވާހަކަ ގިނަ ބަޔަކަށް ކަމުނުގޮސްފާނެ. އެކަމަކު އަމިއްލަ އަށް އެއްވެސް މާ ބޮޑު ތަޖުރިބާއެއް ނެތި ކުރެވުނު މަސައްކަތަށް ބަލާއިރު މިއީ ޗެމްޕިއަންސް ލީގު ހޯދުން ފަދަ ހާއްސަ ކާމިޔާބެއް. މިއީ އަޅާކިޔުމެއް ނޫން. އަހަންނަށް ގަބޫލުކުރެވޭ ގޮތް،" 2012 ވަނަ އަހަރު ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލި ލަމްޕާޑް ބުންޏެވެ.

ޑާބީން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރީ 2008 ވަނަ އަހަރު އެވެ. ލަމްޕާޑް ބުނީ މިރޭގެ މެޗުން އެސްޓަން ވިލާ އަތުން މޮޅުވެއްޖެނަމަ އޭނާގެ ކެރިއަރުގައި އަބަދުވެސް އެކަން ފާހަގަކުރާނެ ކަމަށެވެ.

"ފުޓްބޯޅަ އަކީ އަހަރެން މި ހިސާބަށް ގެނެސްދިން ކުޅިވަރު. އަހަރެން ވަރަށް ޖަޒުބާތީ ނިންމުންތަކެއް ކުޅުމުގެ ކެރިއަރުގައި ވެސް ނިންމިން. އެކަމަކު ކޯޗިންގެ ޅަފަތުގައި މި ފަދަ ކަމެއް ހާސިލްކުރެވޭނީ ވަރަށް ހިތްވަރާ އެކު މަސައްކަތް ކޮށްގެން. ދެ ވަނަ ޑިވިޝަން މުބާރާތެއް ވިޔަސް ޗެމްޕިއަންޝިޕްގެ ފެންވަރު ވަރަށް ރަނގަޅު،" ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް ލަމްޕާޑް އެ މަގާމާ ހަވާލުވާނެ ކަމަށް އިނގިރޭސި މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބެއް ދޭން ބޭނުމެއްނުވި އެވެ. ލަމްޕާޑް ބުނީ ޗެލްސީގެ ކޯޗުގެ މަގާމާ މެދު ސުވާލު އުފެދޭ ކޮންމެ ފަހަރަކު މިޑީއާ އިން އެ މަގާމަށް ގެންދަން އެންމެ ފުރަތަމަ އަޑުއުފުލާނީ އޭނާގެ ނަން ކަމަށާއި އެއީ ނޫސްތަކުގެ ހެޑްލައިނަށް ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އެކަމަކު އޭނާ އަދި ވިސްނުން ހުރީ ޑާބީއާ އެކު ކުރިއަށް ދިއުމަށެވެ.

އެސްޓަން ވިލާގެ އެސިސްޓަންޓް ކޯޗަކީ ލަމްޕާޑާ އެކު ޗެލްސީ އާއި އިންގްލެންޑަށް ކުޅުނު ޖޯން ޓެރީ އެވެ. ލަމްޕާޑް ބުނީ މިއީ އެ ގޮތުން ބަލާއިރު ވެސް ހާއްސަ މެޗެއް ކަމަށެވެ.

އަންނަ އަހަރުގެ ޕްރިމިއާ ލީގުން ސީދާ ޖާގައެއް ހޯދާފައިވަނީ ޝެފީލްޑް ޔުނައިޓެޑާއި ނޯވިޗް ސިޓީ އެވެ. ފަހު ޖާގަ ލިބޭނީ މިރޭގެ މެޗުން މޮޅުވާ ޓީމަކަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު އެވެ.