"އިންދޫ ކީ ޖަވާނީ" ގައި ކިއާރާ އަދުވާނީ
"އިންދޫ ކީ ޖަވާނީ" ގައި ކިއާރާ އަދުވާނީ

މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބޮލީވުޑްގެ ޒުވާން ބަަތަލާ ކިއާރާ އަދުވާނީ އަނެއްކާވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ މި ފަހަރު ސޮއިކުރީ "އިންދޫ ކީ ޖަވާނީ" އަށެވެ. މި ފިލްމަކީ މަޝްހޫރު ބެންގާލީ ޑައިރެކްޓަރު އަބީރު ސެންގުޕްތާ ޑައިރެކްޓްކުރާ ފުރަތަމަ ހިންދީ ފިލްމެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ 2003 ގެ "ކަލް ހޯ ނަ ހޯ" ގެނެސް ދިން ޑައިރެކްޓަރު ނިކިލް އަދުވާނީ އެވެ.

"އިންދޫ ކީ ޖަވާނީ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށަން ތާވަލުކުރި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޝާހިދު ކަޕޫރާ އެކު ކިއާރާ ކުޅެފައިވާ ފިލްމު "ކަބީރު ސިންގް" އަންނަ މަހުގެ 28 ގައި ރިލީޒްކުރަން ނިންމާފައިވާ އިރު، 26 އަހަރުގެ ބަތަލާ މިހާރު އަންނަނީ ސިދާތު މަލްތުއުތުރާއާ އެކު "ޝޭރު ޝާހް" ގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މަހު ރިލީޒް ކުރި "ކަލަންކް" ގެ ރޯލަކުން ވެސް ފެނިގެން ދިޔަ ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑިސެމްބަރު ރިލީޒް ކުރާ "ގުޑް ނިއުސް" އާއި އަންނަ އަހަރު ރިލީޒް ކުރާ "ލަކްޝްމީ ބޮމްބް" ހިމެނެ އެވެ.