28 މެއި 2019 - 08:37

ރަންވީރު ސިންގް ބޮލީވުޑަށް ތައާރަފުކޮށް ދިން ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އިތުރު ފިލްމަކަށް އޭނާ އަނެއްކާވެސް ސޮއިކޮށްފި އެވެ.
އެ ވާހަކަ ހިއްސާކުރަމުން އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނިން ބުނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޒުވާން ޑައިރެކްޓަރު ދިވްޔަންގް ތައްކަރު ލިޔެ، ޑައިރެކްޓް ކުރާ ފިލްމުން ރަންވީރު ފެނިގެން ދާނީ "ޖަޔޭޝްބާއީ ޖޮރްދާރު" ކިޔާ ގުޖުރާތީ ކެރެކްޓާއަކުން ކަމަށެވެ. އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ ފިލްމުގެ ނަން ވެސް މެ އެވެ.
ރަންވީރާއި ދިވްޔަންގްގެ ޓްވިޓާ ކޮންވަޒޭޝަނެއް ވެސް ވައިއާރްއެފުން ވަނީ ފިލްމު އިއުލާން ކުރުމާ އެކު ހިއްސާކޮށްފަ އެވެ.
"ޖަޔޭޝްބާއީ ޖޮރްދާރު" ޕްރޮޑިއުސް ކުރަނީ 2010 ގައި ރަންވީރުގެ ފުރަތަމަ ފިލްމު "ބޭންޑް ބާޖާ ބާރާތު" ޑައިރެކްޓް ކުރި މަނީޝް ޝަރުމާ އެވެ. މި ފިލްމުގެ ވާހަކަ ޓްވިޓާގައި ހިއްސާ ކުރަމުން ރަންވީރު ބުނީ މިއީ ވަރަށް "މިކަރަކް ސްކްރިޕްޓް" އަކަށް ހަދާ ފިލްމެއް ކަމަށެވެ.
ބެލެވޭ ގޮތުން މި ފިލްމުވެގެން ދާނީ އަންނަ އަހަރުގެ އެޕްރީލް 10 ގައި ރިލީޒް ކުރާ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" އަށް ފަހު ރަންވީރު ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ނަމަވެސް ދިވްޔަންގެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ރަންވީރު ފިޔަވައި އޭގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
ދިވްގަޔަންގެ ފިލްމަށް ރަންވީރު ސޮއި ކުރި އިރު، އޭނާ ސޮއިކޮށްފައި އޮތް އަނެއް ފިލްމަކީ ކަރަން ޖޯހަރުގެ "ތަހުތު" އެވެ. އެއީ އަންނަ އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.
ރަންވީރު އެންމެ ފަހުން ވައިއާރްއެފްގެ ފިލްމަކަށް ކުޅުނީ 2016 ގައި އަދިތިޔާ ޑައިރެކްޓް ކުރި "ބޭފިކުރޭ" އެވެ. އެ ސްޓޫޑިއޯ އަށް އޭނާ ދެން ކުޅުނު ފިލްމުތަކަކީ ގުންޑޭ (2014)، ކިލް ދިލް (2014) އަދި ލޭޑީޒް ވާސަސް ރިކީ ބާލް (2011) އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރު އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ ފެބްރުއަރީގައި ރިލީޒް ކުރި "ގަލީ ބޯއި" އިންނެވެ.
އޭނާގެ "83" ގެ ޝޫޓިން އަންނަ މަހުގެ 5 ގައި އިނގިރޭސިވިލާތުގައި ފަށަން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.