ސިޓީއާ މެދު ކުރެވޭ ތުހުމަތުތަކަށް ވަރުގަދަ ރައްދެއް
ސިޓީއާ މެދު ކުރެވޭ ތުހުމަތުތަކަށް ވަރުގަދަ ރައްދެއް

މެންޗެސްޓާ (މެއި 27) - މެންޗެސްޓާ ސިޓީ އަކީ އޮންނަ އުސޫލުތަކުގެ ތެރެއިން ރަނގަޅަށް ހިންގާ ޓީމެއް ކްލަބެއް ކަމަށާއި ސިޓީން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތަކާ މެދު ބައެއް ވާދަވެރި ކްލަބްތަކުން ހަސަދަވެރިވާ ކަމަށް ބުނެ އެ ޓީމުގެ ޗެއާމަން ހަލްދޫން އަލް މުބާރާކް ފާޑުކިއުންތަކަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ ޔުއެފާ އިން ބަލަމުން އަންނަ ސިޓީގެ މައްސަލައިގެ ގޮތެއް ނިންމުން އަންނަ ހަފްތާ އަށް ތާވަލްކޮށްފައިވާއިރު، ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގެ އެއް ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑެވެ.

މި ސީޒަނުގައި އިނގިރޭސި ތިން މުބާރާތްގެ ޗެމްޕިއަންކަމާ އެކު ތާރީހީ ކާމިޔާބީއެއް ހާސިލްކުރި ސިޓީގެ ޗެއާމަން ހަލްދޫން ވިދާޅުވީ އެ ޓީމަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ރަނގަޅަށް ހިންގާ ކްލަބެއް ކަަމަށެވެ. ސިޓީގެ ޓްރާންސްފާތަކަކީ ވެސް އޮންނަ އުސޫލެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށާއި އޭގެ އަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެންމެ އަގުބޮޑު 10 ޓްރާންސްފާގެ ތެރޭގައި ސިޓީން ގަތް ކުޅުންތެރިޔަކު ނެތުން ކަމަށް ވިދާޅުވި އެވެ.

"އަހަރެމެންގެ ވާދަވެރިން ހަސަދަވެރިވިޔަސް ހަގީގަތް އެ އޮތީ ފެންނަން. އަހަރެމެންނެއް ނޫން ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ގަތީ (ޕޮގްބާ). އަހަރެމެންނެއް ނޫން އެންމެ އަގުބޮޑު ގޯލްކީޕަރު ގަތީ (ކެޕާ އަރިއްޒަބަލާގާ). އަހަރެމެންނެއް ނޫން އެންމެ އަގުބޮޑު މިޑްފީލްޑަރު ގަތީ. އަދި އަހަރެމެންނެއް ނޫން އެންމެ އަގުބޮޑު ފޯވާޑް (ލުކާކޫ) ގަތީ. މިއީ ފެންނަން ހުރި ހަގީގަތް،" ހަލްދޫން ވިދާޅުވި އެވެ.

"މީހުން ގޮތެއް ނިންމަނީ އެ ބަޔަކަށް އެންމެ ރަނގަޅު ގޮތަކަށް. ސިޓީއާ ބެހޭގޮތުން ކޮންމެ ވާހަކައެއް ދެކެވުނަސް މިއީ ވަރަށް ރަނގަޅަށް ހިންގާ ކްލަބެއް."

ދާދި ފަހުން ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސިޓީ އާއި ޕީއެސްޖީ އަކީ ވަކި ދައުލަތްތަކަކުން ހިންގާ ކްލަބްތަކެއް ކަމަށާއި މާލީ ގޮތުން އެ ޓީމުތަކާ ވާދަކުރެވޭނެ ފެންވަރެއް އެހެން ޓީމުތަކުގެ ކިބައިގައި ނެތް ކަމަށާއި ސިޓީ އާއި ޕީއެސްޖީގެ ހަރަދުތައް ޔުއެފާ އިން ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.

ހަލްދޫން ވަނީ ޓެބާސްގެ ވާހަކަތަކަކީ އޭގެ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެމެން ޓްރާންސްފާ މާކެޓްގައި ކަންތައްތައް ކުރާ ގޮތަށް ވުރެ ސްޕެނިޝް ޓީމުތަކަށް ނަޒަރު ހިންގާލަން ޖެހޭ. ގަލަކްޓިކޯގެ ގޮތުގައި ޒިދާން އާއި ބެކަމް ފަދަ ކުޅުންތެރިން ގެންދަން ފެށީ ކޮން ބަޔެއް ކަން ވެސް ރަނގަޅަށް އެނގޭނެ. ސިޓީގެ އެއްވެސް ކުޅުންތެރިއެއް ނެތް އެންމެ އަގުބޮޑު 10 ޓްރާންސްފާ ތެރޭގައި. އެކަމަކު އެ ޑޮމިނޭޓްކުރަނީ ލަލީގާ އިން." އަބޫދާބީގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ ހަލްދޫން ވިދާޅުވި އެވެ.

އިނގިރޭސި ޕްރިމިއާ ލީގަކީ ދަނޑުމަތީގެ ވާދަވެރިކަމާއި ވިޔަފާރީގެ ގޮތުން ބެލިޔަސް އެންމެ ވަރުގަދަ ލީގު ކަމަށާއި އެހެން ލީގުތަކުގެ ފަރާތްތަކަށް އެކަން ގަބޫލުކުރަން އުނދަގޫވިޔަސް އެއީ ހަގީގަތް ކަަމަށް ހަލްދޫން ވިދާޅުވި އެވެ.