27 މެއި 2019 - 10:58

ރާއްޖޭގައި މަސައްކަތް ކުރަން އައި ބަންގްލަދޭޝްގެ އުމުރުން 17 އަހަރުގެ ކުއްޖަކު ހާލުގައި ޖެހިފައިވަނިކޮށް ދިވެހިންގެ ބަޔަކު އެ ކުއްޖާ އަށް އެހީވެއްޖެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ރާއްޖެ އައި އެ ކުއްޖާގެ ހާލަތު އޭނާ އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އޭރު އެ ކުއްޖާ ބުނިގޮތުގައި އޭނާ ރާއްޖެ ގެނައީ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަން ކަމަށް ބުނެ ބަންގްލަދޭޝްގެ ބައެކެވެ. އަދި ރާއްޖެ އައި ފަހުން އެ މީހުންގެ ފޯނު ނިވާލާފައިވާ ކަމަށާއި އެހެންވެ، ދާނެ ތަނެއް ނެތް ކަމަށް ބުނެފައި ވެ އެވެ.
ވީޑިއޯގައި ޒުވާނާ ބުނީ ކުރާނެ މަސައްކަތެއް ނެތް ކަމަށާއި އުޅެނީ މަގުމަތީގައި ކަމަށެވެ. އަދި ހުންނަ ގެސްޓް ހައުސް އަށް ފައިސާ ދައްކަން ޖެހުމުން ފޯނު ވިއްކާލާފައިވާ ކަމަށް ބުންޏެވެ.
ޕާކެއްގައި އިނދެ އޭނާ ދެއްކި ވާހަކަތައް ވީޑިއޯ ކޮށްފައިވަނީ ދިވެއްސެކެވެ.
މި ވީޑިއޯ ވައިރަލް ވުމާ އެކު ދިވެހި ޒުވާނުންގެ ގުރޫޕަކުން ވަނީ އެ ކުއްޖާ އަށް ފައިސާގެ އިތުރުން ފޯނެއް ހަދިޔާކޮށްފަ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރި މިދުއަތު ސައުދު ބުނިގޮތުގައި، ބަންގްލަދޭޝް މީހުން އެ ފައިސާތައް އަތުލައިފާނެ ކަމުގެ ބިރަށް އެ ކުއްޖާ ބޭނުންވީ އެ ފައިސާތައް ރައްކާކޮށް ދިނުމަށެވެ. އަދި ފައިސާތަކަށް ހަދަންވީ ގޮތް އެހުމުން އެދުނީ ބަންގްލަދޭޝްގައި ހުރި އޭނާގެ މަންމަ އަށް އެ ފޮނުވައިދިނުމަށް ކަމަށް މިދުއަތު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ދިވެހި ޒުވާނުންތައް މިހާރު އަންނަނީ އެ ކުއްޖާ އަނބުރާ ގައުމަށް ފޮނުވާލަން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި މިހާރު ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ގިނަ އެވެ. މި ފަދަ ގިނަ މީހުން ރަށްރަށަށް ފިލައިގެން ގޮސް މަސައްކަތް ކުރެ އެވެ.