26 މެއި 2019 - 23:57

ސްރީ ލަންކާގައި ހަމަލާ ދިން އައިއެސް ޖަމާއަތާ ގުޅުން ހުރި މީހުން ކަނޑުމަގުން ލަކްޝަދީޕަށް ދަތުރު ފަށާފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޑިއާގެ ކަނޑުގެ ސިފައިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ ކެރަލާ ފުލުހުންނާއި ކޯސްޓް ގާޑުން މިހާރު ވަނީ އައްސޭރި ފަށް ބެލެހެއްޓުން ވަރުގަދަކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އުޅޭ މަސްވެރިންނަށް ވެސް މިކަމުގެ މައުލޫމާތު ވަނީ ދީފައި ކަމަށް އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ އަށް މި މައުލޫމާތު ދީފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ސްރީ ލަންކާގެ ކޯސްޓަލް ޕޮލިހުންނެވެ. އެ މައުލޫމާތުގައިވާ ގޮތުން، ޓެރަރިސްޓުން ދަތުރުކުރަމުން ދަނީ ހުދު ކުލައިގެ ބޯޓެއްގަ އެވެ. އަދި އޭގައި 15 ވަަރަކަށް މީހުން ތިބޭނެ ކަމަށްވެ އެވެ.
"ލަންކާގައި ހަމަލާ ދިނުމާ އެކު ކަނޑުމަތީގެ ސަލާމަތީ ކަންތައް ވާނީ ވަރުގަދަކޮށްފައި. އަދި މިހާރު ވާނީ ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ އެކަން ސަލާމަތީ ބާރުތަކަށް އަންގަން މަސްވެރިންނަށް ލަފާ ދީފައި،" ކޯސްޓަލް ޑިޕާޓްމަންޓާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ވާހަކަ ދެއްކެވި އިންޑިއާ ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ހާދިސާއެއް ހިނގައިފި ނަމަ ކަނޑުމަތީގެ ސަލާމަތީ ކަންކަން ވެސް ވަރުގަދަކުރުމަކީ އާންމުކޮށް ކަން ކުރަމުން އަންނަ އުސޫލެވެ. އެކަމަކު މިފަހަރު ވަކިން ހާއްސަ މައުލޫމާތެއް ލިބިފައި ވާތީ އެކަން ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިދިޔަ މަހުގެ 21 ގައި ލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އައިއެސްއާ ގުޅުން އޮންނަ ލަންކާގެ ޖަމާއަތަކުން ދިން މި ހަމަލާތަކަށް ފަހު ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި މިހާރުވެސް، ޝައްކު ކުރެވޭ މީހުން ހޯދައި ބަލައި ފާސްކުރުން ދަނީ ކުރިއަށެވެ.