05 ސެޕްޓެމްބަރ 2016 - 11:18

ހަރާރޭ (ސެޕްޓެމްބަރު 5) - ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ހުއްދަ ދޭ ފަނޑިޔާރުންނަށް ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުގާބޭ ވިދާޅުވީ ފެންނަނީ ފަނޑިޔާރުން ވެސް ސުލްހަ އަށް ހުރަސް އަޅާތަން ކަމަށާއި ފަނޑިޔާރުން ނިންމުންތައް ނިންމާ އިރު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ މުގާބޭ ޝަރުއީ ނިޒާމަށް ބިރު ދައްކަވަނީ ކަމަށެވެ.
ޒިމްބާބުވޭގައި ދެ ހަފުތާ އަށް މުޒާހަރާ ކުރުން މަނާކޮށްފައި އޮތް އޮތުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިއަދު ކޯޓަށް ދާން ވަނީ ނިންމައިފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ޒިމްބާބުވޭގައި ވަނީ ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ. މުގާބޭ ދާދި ފަހުން ވަނީ މުޒާހަރާކޮށް "އަރަބި ސްޕްރިން" ގެނައި ފަދަ ގައުމަކަށް ޒިމްބާބުވޭ ނުހެދޭނެ ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މުޒާހަރާ ކުރުން ދާދި ފަހުން މަނާކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންވެ އެ މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
ވެރިކަން ކުރާ ޒާނޫ-ޕީއެފްގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުގާބޭ ވަނީ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކޯޓުތަކާއި ޝަރުއީ ނިޒާމް އަދި ފަނޑިޔާރުން ވާން ޖެހޭނީ އާދައިގެ ރައްޔިތުންނަށް ވުރެ ރަނގަޅަށް ވިސްނޭ ބަޔަކަށް. މުޒާހަރާ ކުރަން ބޭނުންވާ މީހުން ހުށަހެޅުމުން ފަނޑިޔާރުންގެ ނިންމުންތައް ނިންމާ އިރު ފަރުވާތެރިވާން ޖެހޭނެ،" މުގާބޭ ވިދާޅުވި އެވެ.
މުގާބޭ ވިދާޅުވީ މުޒާހަރާ ކުރަން ކޯޓުން ހުއްދަ ދޭ ކޮންމެ ފަހަރަކު ބާއްވާ މުޒާހަރާތައް ނިމިގެން ދަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް މަނާކުރާ ސަބަބެއް ކަމަށް ފުލުހުން ބުނަމުންދަނީ ސަލާމަތީ ގޮތުން ނުރައްކާ ކުރިމަތިވާތީ އެވެ. ނަމަވެސް މުޒާހަރާ ކުރުން މަނާކުރަން ފުލުހުން ނެރޭ އަމުރުތައް ގިނަ ފަހަރަށް ހައި ކޯޓުން ހުއްޓުވަ އެވެ.
އުމުރުން 92 އަހަރުގެ މުގާބޭ ދާދި ފަހުން ޒިމްބާބުވޭ އަށް ވަޑައިގެންނެވީ ގައުމުން ބޭރުގައި ގިނަ ދުވަސްތަކަކު އުޅުއްވުމަށް ފަހު އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މުގާބޭ ވަރަށް ބޮޑަށް ބަލިވެ އަދި އަވަހާރަވެއްޖެ ކަމަށް ވެސް އަޑު ފަތުރައިފަ އެވެ.
ޒިމްބާބުވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ މުގާބޭ ވަނީ 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.