26 މެއި 2019 - 19:21

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސް ބާތިލް ކުރުމަށް ފަހު، ހިންގުމުގެ ހުއްދަ އަލުން ދޫކުރި ހަ ރިސޯޓުން ދައުލަތަށް 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) ދައްކަން އެއް އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އަނބުރާ ލައިސަންސް ދިން ހަ ރަށުން ދައުލަތަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ގާނޫނާއި ގަވާއިދަށް ބޯލަބަން ހުރިހާ ފަރާތްތަކުންވެސް ޖެހޭ ކަން ފާހަގަކުރައްވައި ވިދާޅުވީ އޮންނަ އުސޫލުތަކުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް ފައިސާ ދައްކަންޖެހޭނެ ކަމަށެވެ.
1. ފިލިތެޔޮ ރިސޯޓް
2. މެދުފުށި އައިލެންޑް ރިސޯޓް
3. ހޮނޑާފުށި އައިލެންޑް ރިސޯޓް
4. ޑްރިފްޓް ތެލު ވެލިގާ ރީޓްރީޓް
5. ކިހާ މޯލްޑިވްސް
6. ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ
މި ރިސޯޓުތަކުގެ ތެރެއިން ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ފިލިތެޔޮ ރިސޯޓުންނެވެ. އެގޮތުން އެ ރިސޯޓުން އަށް މިލިއަން ޑޮލަރު ދައުލަތަށް ދައްކަންޖެހެ އެވެ. މެދުފުށި އައިލެންޑް ރިސޯޓުން 4.2 މިލިއަން ޑޮލަރު ދައްކަންޖެހޭ އިރު ކިހާ މޯލްޑިވްސް 3 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާއިން 3.8 މިލިއަން ޑޮލަރު އަދި ހޮނޑާފުށި އައިލެންޑް ރިސޯޓުން ހަތަރު ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ. ޑްރިފްޓް ތެލު ވެލިގާ ރީޓްރީޓުން ދައްކަން ޖެހެނީ ތިން ލައްކަ ޑޮލަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ރިސޯޓުތަކުގެ އިތުރުން ވެލިދޫ އައިލެންޑް ރިސޯޓުގެ ލައިސަންސް ވެސް އާ ކުރުމަށް ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެ ރިސޯޓުގެ ހިއްސާދާރުންގެ މެދުގައި ހުރި ކަންކަން ހައްލު ކުރުމަށް ފަހު ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަތުރުވެރިންނެއް ނުބޭތިއްބޭނެ ގާނޫނާ ގަވައިދާ އެއްގޮތް ނޫން ގޮތަކަށް. އެއީ މަނާ ކަމެއް. އާ ސަރުކާރުން އައުމަށް ފަހު ހާލަތުން އަރައިގަތުމަށް އެއް ފުރުސަތު ދިނުމަށް ނިންމީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މި ހާލަތު ނާޖައިޒު ގޮތުގައި ބޭނުން ކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތަށް ކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ލައިސަންސް އަނބުރާ ދިން ރިސޯޓުތަކަށް ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ އަދަދު ކަނޑައެޅިފައިވާ މިނުގައި ބެހެއްޓުމާއި ރިސޯޓުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންތައްތައް އިސްލާހު ކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.