26 މެއި 2019 - 17:15

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓަރީ ވާން އެމްބަސީން އެދިއްޖެ އެވެ.
އެމްބަސީން ބުނީ އެގޮތަށް އެދުނީ، އެ ގައުމުގައި ދިރިއުއުޅޭ ދިވެހިންނަށް ކުއްލި ހާލަތެއްގައި ވެސް އެންމެ ފަސޭހަ އިން ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ.
ސިންގަޕޫރުގެ އެމްބަސީން ބުނީ، އެ ތަނުގައި ދިވެހިން ރަޖިސްޓަރީ ވުމުގެ ނަތީޖާ އަކީ އެމްބަސީން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް ވެސް ދިނުން ފަސޭހަވުން ކަމަށެވެ. އަދި ކުއްލި ހާލަތުތަކުގައި ވެސް ދިވެހިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ވާނެ ކަމަށް ބުންޏެވެ.
ސިންގަޕޫރު އެމްބަސީގައި ރަޖިސްޓަރީ ވެވޭނީ އޮންލައިންކޮށް ފުރާ ފޯމަކުންނެވެ. އެ ފޯމުގައި، މައިގަނޑު ގޮތެއްގައި އެދެނީ އެ މީހެއްގެ ނަމާއި ގުޅޭނެ ނަންބަރެއް ނުވަތަ އީމެއިލް އެމްބަސީ އަށް ދިނުމަށެވެ.
އެމްބަސީން ބުނިގޮތުގައި އެތަނުގައި ރަޖިސްޓަރީވާ މީހުންގެ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓާނެ އެވެ. އަދި އެހެން މަގުސަދެއްގައި އެ މައުލޫމާތު ބޭނުން ނުކުރާނެ ކަމަށް ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެ އެވެ.