ކެޓްރީނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރު ފަށަނީ
ކެޓްރީނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރު ފަށަނީ

އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށް އެތަނުން ހަދާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ބަތަލާ ކެޓްރީނާ ކެއިފް ބުނެފި އެވެ.

އަމިއްލަ އަށް ފިލްމު ޕްރޮޑިއުސް ކުރުމަކީ 35 އަހަރުގެ ބަތަލާ މި އަހަރު ކުރަން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ.

އެކަމާ ބެހޭ އެންމެ ފަހުގެ ވާހަކަތައް މީޑިއާތަކާ ހިއްސާކުރަމުން، ރީތި އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުނީ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ކެޓްރީނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަކީ 2002 ގައި ރިލީޒް ކުރި ފްރާންސްގެ ސައިކޮލޮޖިކަލް ޑްރާމާ "ހީ ލަވްސް މީ، ހީ ލަވްސް މީ ނޮޓް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

"އޭގެ މަސައްކަތް ކުރާތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ. އަހަންނަށް ވަރަށް ކަމުދިޔަ ފިލްމެއް އެއީ. އަދި އިންޑިއާގެ ރަހަތަކާ އެކު އިންޑިއާގެ އޯޑިއަންސަށް ކަމުދާނެ ގޮތްތައް ބަލައިގެން ފިލްމު ގެނެސް ދޭނީ،" އޭނާ ބުންޏެވެ.

ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި ކާސްޓުންނާ ބެހޭ އެއްވެސް ވާހަކައެއް އަދި ހާމައެއް ނުކުރެ އެވެ.

އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ބާރަތު" ގެ ބަތަލާ މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކު ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" ގެ މަސައްކަތް ކުރަމުންނެވެ. ކެޓްރީނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޑިސެމްބަރު މަހު ރިލީޒް ކުރި "ޒީރޯ" އިންނެވެ. އެ ފިލްމުން އޭނާ އަށް ފިލްމުފެއާގެ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އަމިއްލަ ޕްރޮޑަކްޝަން ހައުސް ލޯންޗްކޮށްފައިވާ ތަރިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ޕްރިޔަންކާ ޗޯޕްޅާ، އަނުޝްކާ ޝަރުމާ، ދީޕިކާ ޕަދުކޯން، އާލިއާ ބަޓް އަދި ސްވަރާ ބާސްކަރު ހިމެނެ އެވެ.