މެޑްރިޑުން ޓްރާންސްފާ ހަރަދުގެ ރެކޯޑް މުގުރާލަނީ
މެޑްރިޑުން ޓްރާންސްފާ ހަރަދުގެ ރެކޯޑް މުގުރާލަނީ

މެޑްރިޑް (މެއި 26) – ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ރެއާލް މެޑްރިޑުން މި ފަހަރު އެ ކްލަބުގެ ޓްރާންސްފާ ހަރަދުގެ ރެކޯޑް މުގުރާލާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެޑްރިޑުން މިހާތަނަށް އެންމެ ބޮޑު ހަރަދެއްކުރީ 2009 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ކަރީމް ބެންޒެމާ އަދި ކަކާ ގެނައުމަށެވެ. އެއީ 254 މިލިއަން ޔޫރޯ އެވެ.

މި ސީޒަނުގައި ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވުމުން، މެޑްރިޑުން ވަނީ ސީޒަނުގެ ވަކި ހިސާބަކުން ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އަލުން ގެނެސް އަންނަ ސީޒަނަށް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެ ޓީމުން އެންމެ ބޮޑަށް ބޭނުންވަނީ ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް ގެންނާށެވެ. އޭނާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެއް ކަމަށްވިޔަސް، 100 މިލިއަން ޔޫރޯގެ އަގަކަށް އޭނާ ގަންނަން މެޑްރިޑުން އެއްބަސްވެފައިވާ ކަމަށްވެ އެވެ.

މެޑްރިޑުގެ ލިސްޓުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ އެއިންޓްރެކްޓް ފްރެންކްފަޓުގެ ފޯވާޑް ލޫކާ ޔޮވިޗާއި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަދި ލިޔޯންގެ ފުލްބެކް ފެލާންޑް މެންޑީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ފައިނޭންޝިއަން ފެއާޕްލޭ ގަވާއިދާ ހިލާފުވި މައްސަލައިގައި ޕީއެސްޖީ އަށް އަދަބު ލިބި އެ ކްލަބުން ކީލިއަން އެމްބާޕޭ ވިއްކާލާ ނަމަ މެޑްރިޑުން އޭނާ ހޯދަން ވެސް މަސައްކަތްކުރާނެ އެވެ.

މީގެ އިތުރުން މިހާރު ވެސް ޕްރީ އެއްބަސްވުންތަކެއް ހަދާފައިވާ ރޮޑްރީގޯ އާއި އެޑާ މިލިޓޯ އަށް ކުރާ ހަރަދުތަކާ އެކު މެޑްރިޑުން މި ސީޒަނުގައި ޖުމްލަ 500 މިލިއަންއާ ގާތްކުރާ އަދަދެއް ހޭދަކުރާ ކަމަށް ބެލެވެ އެވެ. އެކަމަކު ވަރަށް ގިނަ ކުޅުންތެރިން ވިއްކާލަން ނިންމާފައިވާތީ އެ ޓްރާންސްފާތަކުން 200 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ މެޑްރިޑުގެ ބަޖެޓުން ހޭދަކުރާނީ 300 މިލިއަން ޔޫރޯ އެވެ.