ޕީއެސްޖީގެ ވެރިން ލީޑްސް ޔުނައިޓެޑް ގަންނަނީ
ޕީއެސްޖީގެ ވެރިން ލީޑްސް ޔުނައިޓެޑް ގަންނަނީ

ލަންޑަން (މެއި 26) - ޕީއެސްޖީ ހިންގަމުން އަންނަ ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓް ގްރޫޕުން އިންގްލެންޑްގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކުރީގެ ގަދަބާރު ލީޑްސް ޔުނައިޓެޑް ގަންނަން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރިޓިޝް ޑެއިލީން ރިޕޯޓްކޮށްފައިވާ ގޮތުން ލީޑްސްގެ ވެރިޔާ އިޓަލީގެ އަންދްރެއާ ރަޑްރިޒާނީ ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޕީއެސްޖީގެ ވެރިންނާއި ގިނަ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ.

"ގަތަރުގެ ސްޕޯޓްސް އިންވެސްޓްމެންޓް ގްރޫޕުން އިނގިރޭސި ފުޓްބޯޅައިގެ ތެރެއަށް ވަންނަން މީގެ ދެ އަހަރު ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި. އެ ގްރޫޕްގެ ފުރަތަމަ ވިސްނުމަކީ ލީޑްސް ޔުނައިޓެޑް. އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ،" ފައިނޭންޝިއަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ.

އަންނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ކުޅެމުން އަންނަ ލީޑްސް އިން ކުރަމުން އައި މަސައްކަތް ނިމުނީ ޕްލޭއޮފް ސެމީ ފައިނަލުގައި ފްރޭންކް ލަމްޕާޑްގެ ޑާބީ ކައުންޓީ އަތުން ބަލިވުމުންނެވެ.

ޕްރިމިއާ ލީގުގެ ޖާގައެއް ނުލިބުމުން ލީޑްސް އަށް ކްލަބްގެ މާލީ މައްސަލަތަކުން އަަރައިގަންނަން އޮތް ދޮރު ބަންދުވީ އެވެ. ޕްރިމިއާ ލީގުގެ ޕްލޭއޮފް ފައިނަލުން މޮޅުވެއްޖެނަމަ ގާތްގަނޑަކަށް 180 މިލިއަން ޕައުންޑް ލިބޭނެ އެވެ.

ލީޑްސް އަށް ޕްރިމިއާ ލީގުގެ ޖާގަ ނުލިބުނު ނަމަވެސް އަދިވެސް ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްގެ ވިސްނުން ހުރީ އެ ކްލަބް ގަތުމަށެވެ. އެއީ އެ ޓީމުން މީގެ ކުރިން ޕްރިިމިއާ ލީގުގައި ދައްކާފައިވާ ކުޅުމަށް ބެލުމަށް ފަހު ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ލީޑްސްގެ މިހާރުގެ ވެރިޔާ ރަޑްރިޒާނީ ހުރީ ގަތަރު ސްޕޯޓްސް އިންވެސްޓްމަަންޓްގެ ފަރާތުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އެ ޓީމު ވިއްކާލަން ނިންމައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން އަބޫދާބީ ގްރޫޕުން ހިންގަމުން އަންނަ މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރުމުގެ ފުރުސަތު ނުދޭން ގަތަރުގެ ވިޔަފާރިވެރިން އަަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓް ގްރޫޕުން އެ މަސައްކަތް ފެށީ ދުރު ރާސްތާ ޕްލޭނަކާ އެކު ދެ ވަނަ ޑިވިޝަނުގެ ޓީމެއް ގޮވައިގެން ކުރިއަށް ދިއުމުގެ ގޮތުންނެވެ. އެއީ ފައިނޭންޝިއަލް ޕެއާ ޕްލޭ (އެފްއެެފްޕީ)ގެ ތެރެއިން ކުރިއަށްދާން ބަލާއިރު އެ ޓީމަށް އެންމެ ފަސޭހަ މަގެއް އޮތީ އެގޮތަށް ކަމަށްވާތީ އެވެ.